ENGLISH
23 ޖުލައި 2026
ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑަށް ވަކި ބަދަލެއް އަންނަކަން ދޭހަވާގޮތަށް އިޝްތިހާރުކުރުމަކީ މަނާކަމެއް: އެމްއެފްޑީއޭ
23 ޖުލައި 2026
|
އެމްއެފްޑީއޭ ހިންގާ ރޯޝަނީ ބިލްޑިން. ފޮޓޯ: މޯލްޑިވްސް ވޮއިސް
އެންމެ މަޤްބޫލު
ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި އިޝްތިހާރުތައް އާންމުކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިކަން ހާމަކުރީ އެ އިދާރާއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައެވެ.
ބަޔާނުގައި ބުނީ، ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓްކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާ ގުޅޭ މަޢުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަމުގެ ރިޕޯޓް އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް މިތަކެތި މާކެޓްކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތްކަމެކެވެ. ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރަމެވެ." އެމްއެފްޑީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު، އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެ އޮތޯރިޓީގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ.
"މިގޮތުން ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެއްޗަކީ، ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްޞަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ޙަޤީގަތާ ޚިލާފަށް ނުވަތަ ޙަޤީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ." އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށް އެމްއެފްޑީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.