ENGLISH

21 ޖުލައި 2026

Advertisement

އާޖެންޓީނާ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ސްޕެއިނަށް

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ފީފާ.ކޮމް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން ދެވަނަ ފަހަރަށް ދުނިޔޭގެ ތަށި އުފުލާލައިފިއެވެ.

މި މެޗުގައި ސްޕެއިން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. ބާސެލޯނާގެ ފޯވާޑް ޓޮރޭޒް މެޗުގެ 106 ވަނަ މިނެޓުގައި މި ލަނޑު ޖެހިއިރު، މުޅި މެޗުގެ 120 މިނެޓު ހަމަވިއިރުވެސް އާޖެންޓީނާއަށް ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި ފައިނަލް ބެލުމަށް 80،663 މީހުން ހާޒިރުވިއިރު، އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ހިމެނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ ލިއޮނެލް މެސީގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕުގައި ދެވަނަ ފަހަރަށް ތަށި އުފުލާލާނެ މަންޒަރު ފެންނާނެ ކަމަށެވެ. ނަމަވެސް 39 އަހަރުގެ މެސީއަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނީ ސްޕެއިންގެ ވަރުގަދަ ކުޅުމާއި، އާޖެންޓީނާގެ ކުޅުންތެރިން މުޅި މެޗުގައި ކުރަމުންދިޔަ ގިނަ ފައުލްތަކުގެ ސަބަބުންނެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް، ސްޕެއިންގެ ޑިފެންޑަރު ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ބޮޑުބައިގައި ސްޕެއިނަށް ލަނޑެއް ނުޖެހި ހިފެހެއްޓުމުން، ގިނަ ބަޔަކަށް ހީވީ މެޗުގެ ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީން ކަމަށެވެ.

ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ފެރާން ޓޮރޭޒް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އިތުރު ވަގުތުގެ ތެރޭގައި ނިކޯ ވިލިއަމްސް ޖެހި ލަނޑެއް ފައުލްކުރި ކަމަށް ނިންމައި ގަބޫލުނުކުރުމުން، ސްޕެއިނަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވިއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ޕެޑްރޯ ޕޯރޯ ގޯލުގެ އަރިމަތިން ހުރަސްކޮށްލި ބޯޅަ، ވިލިއަމްސް ބޮލުން ޖައްސާލުމުން ޓޮރޭޒް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ 2010 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު ސްޕެއިން ހޯދި ދެވަނަ ވޯލްޑް ކަޕް ތައްޓެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލަނޑު ޖެހި ފޯވާޑް ޓޮރޭޒް ބުނީ، މި ލަނޑަކީ ހަމައެކަނި އޭނާގެ ނުވަތަ ޓީމުގެ ލަނޑެއް ނޫން ކަމަށާއި، މިއީ ސްޕެއިންގެ 47 މިލިޔަން ރައްޔިތުންގެ ލަނޑެއް ކަމަށެވެ. އަދި މެސީ ފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭއިރު ނުތަނަވަސްކަން ހުންނާނެ ކަމަށާއި، އެހެންނަމަވެސް ޓީމުގެ ކުޅުމަށް އޮތް އިތުބާރުގެ ސަބަބުން ކާމިޔާބު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ދެވަނަ ލިބުނު މެޑެލް ހަވާލުކުރިއިރު މެސީގެ ލޮލުން ކަރުނަ ފާއްދާލާފައި ހުއްޓެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު ރައީސް ޓްރަމްޕް ދަނޑަށް އެރުމުން، ސަޕޯޓަރުންގެ ފަރާތުން ނުރުހުމުގެ އަޑުތައް އަމާޒުވިއެވެ. ވޯލްޑް ކަޕް ތަށި ސްޕެއިންގެ ކެޕްޓަން ރޮޑްރީއާ ހަވާލުކުރީ ޓްރަމްޕާއި އިންފަންޓީނޯއެވެ.

ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ، އޭނާގެ ޓީމަކީ ސްޕެއިން ފަޚުރުވެރިވާ ފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކާމިޔާބީ ލިބޭނެކަން ސާބިތުކޮށްދީފި ކަމަށެވެ.

މެޗުގެ ތެރޭގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައެވެ. އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ، ސްޕެއިންގެ ޑެނީ އޮލްމޯއަށް ކުރި ފައުލަކަށް ރީނދޫ ކާޑެއް ނުދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން ރެފުރީއަށް އަމާޒުވިއެވެ. ހަމައެގޮތަށް ސްޕެއިންގެ އެލެކްސް ބައެނާ، މެސީއަށް ކުރި ފައުލަށްވެސް އެއްވެސް އަދަބެއް ދީފައެއް ނުވެއެވެ. ނަމަވެސް ފަހުން ލިސަންޑްރޯ މާޓިނޭޒަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗުގެ ހާފް-ޓައިމްގައި މަޑޯނާ، ޝަކީރާ އަދި ޖަސްޓިން ބީބާ ފަދަ ފަންނާނުންގެ ހުށަހެޅުންތައް 27 މިނެޓަށް ދެމިގެންދިޔަ ނަމަވެސް، އޭގެ ސަބަބުން ސްޕެއިންގެ ކުޅުމަށް ބަދަލެއް ނާދެއެވެ. ދެވަނަ ހާފުގައި ސްޕެއިނުން ބާރުބޮޑުކުރަމުން ދިޔައިރު، އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އެހެންނަމަވެސް، އެންމެ ފަހުން ޓޮރޭޒް ޖެހި ލަނޑާއެކު ސްޕެއިންއިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު