ENGLISH

21 ޖުލައި 2026

Advertisement

ބެލްޖިއަމްގެ ކޯޗުކަމުން ވަކިވާން ގާސިއާ ނިންމައިފި

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ --- ފޮޓޯ: ގެޓީ

ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރޫޑީ ގާސިއާގެ އެއްބަސްވުން އައުނުކުރަން ނިންމުމާ ގުޅިގެން، ކޯޗުކަމުން ވަކިވާން ނިންމައިފިއެވެ.

ގާސިއާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ ކުއާޓާގައި ބެލްޖިއަމް ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އުމުރުން 62 އަހަރުގެ ގާސިއާ ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑޮމެނިކޯ ޓެޑެސްކޯގެ ބަދަލުގައެވެ. އޭނާގެ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބެލްޖިއަމް ފުޓްބޯލް އެސޯސިއޭޝަނުގެ ސްޕޯޓިން ޑައިރެކްޓަރު ވިންސެންޓް މަނާޓް ވިދާޅުވީ ބެލްޖިއަމް އަލުން ކޮޅަށް ޖެހުމުގައި ރޫޑީ ގާސިއާ އަދާކުރެއްވި ދައުރު ވަރަށް މުހިންމު ކަމަށެވެ.

"އޭނާ ޤައުމީ ކޯޗުކަމާ ހަވާލުވީ ކުޅިވަރުގެ ގޮތުންނާއި މާލީ ގޮތުންވެސް ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައި،" މަނާޓް ފާހަގަކުރެއްވިއެވެ. "އޭނާގެ ތަޖުރިބާ އާއި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓީމުގެ ބަދަހިކަން އިއާދަވެ، މިދިޔަ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ވަނީ ހޯދިފައި."

އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 18 މަސްދުވަހު ގާސިއާ އާއި އޭނާގެ އެހީތެރިން ކުރެއްވި މަސައްކަތަށް ފެޑެރޭޝަނުގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށާއި، މިހާރު ތައްޔާރުވަމުންދަނީ އައު ކޯޗަކާއެކު، އައު ދަތުރެއް ފެށުމަށް ކަމަށެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްގެ ކުޅުން އެހާ ރަނގަޅަށް ނުފެނުނު ނަމަވެސް، ދެވަނަ ބުރުގައި ސެނެގޯލް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވީ ފަހަތުން އަރައި ދެއްކި ހިތްވަރުގަދަ ކުޅުމަކުންނެވެ.

މުބާރާތް ބޭއްވި އެއް ޤައުމު ކަމަށްވާ އެމެރިކާ އަތުން 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވި މެޗުގައި ގާސިއާގެ ޓީމުން މޮޅު ކުޅުމެއް ދެއްކިއެވެ. އެ މެޗުގެ ކުރިން ފީފާއިން އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންގެ ސަސްޕެންޝަން ބާތިލުކުރުމާ ގުޅިގެން ގާސިއާ ވަނީ އެއީ "އޭޕްރީލް ފޫލްސް" ޖޯކެއް ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރޯމާ، ލިޔޯން އަދި ނާޕޮލީގެ ކުރީގެ ކޯޗު ގާސިއާ، 2019 ވަނަ އަހަރު މާސޭ ދޫކޮށްލި ފަހުން އެއްވެސް ޓީމެއްގައި ދެ އަހަރަށްވުރެ ގިނަ ދުވަހު މަޑުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު