ENGLISH
21 ޖުލައި 2026
އިނގިރޭސި ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކީގަން މަރުވެއްޖެ
20 ޖުލައި 2026
|
އިނގިރޭސި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އިނގިރޭސި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން، އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.
ދެ ފަހަރު ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކީގަން ކެންސަރަށް ފަރުވާ ހޯދަމުންދާކަން، އޭނާގެ އާއިލާ އާއި އޭނާގެ ކުރީގެ ކްލަބު ނިއުކާސަލް ޔުނައިޓެޑުން މިދިޔަ ޖެނުއަރީ މަހު ހާމަކުރި ނަމަވެސް، ބަލީގެ ތަފުސީލެއް އޭރު ހާމައެއް ނުކުރެއެވެ. "ކިންގް ކެވް" އަދި "މައިޓީ މައުސް" ގެ ނަމުން މަޝްހޫރުވި، އަދި އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ނުފޫޒުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ ކީގަން، އޭނާއަށް ޖެހިފައިވަނީ ހަތަރުވަނަ ސްޓޭޖުގެ ކެންސަރުކަން ހާމަކުރީ މިދިޔަ ޖޫން މަހުއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކުލަބުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ، ނުފޫޒުގަދަ އަދި އެންމެ ލޯބިވީ އެއް ޝަޚުސިއްޔަތު ކަމަށްވާ ކެވިން ކީގަން ވަކިވެދިޔަ ޚަބަރު އައީ ނުހަނު ފުން ހިތާމަޔާއެކު" ކަމަށެވެ.
ނިއުކާސަލްގެ ކޯޗެއްގެ ގޮތުގައި ކީގަން ކުރި މަސައްކަތަށް އަލިއަޅުވާލަމުން އެ ކުލަބުން ބުނީ، އޭނާ ސަޕޯޓަރުންނަށް އުއްމީދާއި ފަޚުރުވެރިކަން ހޯދައިދިން ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުގެ ކުޅުމުގެ ވައްޓަފާޅިއާއި ރޫޙަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލައިގަތް ކަމެއް ކަމަށެވެ.
ކީގަންގެ ފުޓްބޯޅަ ކެރިއަރު ފެށީ ސްކަންތޯޕް ޔުނައިޓެޑުންނެވެ. އެއަށްފަހު 1971 ވަނަ އަހަރު ލިވަޕޫލާ ގުޅި، އެ ކުލަބުގައި ހޭދަކުރި ހަ ސީޒަނުގައި 323 މެޗު ކުޅެދީ 100 ލަނޑު ކާމިޔާބުކޮށްދިނެވެ. ލިވަޕޫލާއެކު އޭނާ ވަނީ ތިން ފަހަރު ފުރަތަމަ ޑިވިޝަނުގެ ތަށި، އެފްއޭ ކަޕް، ދެ ފަހަރު ޔުއެފާ ކަޕް އަދި 1977 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ކާމިޔާބުކޮށްފައެވެ.
ލިވަޕޫލް ދޫކޮށް ޖަރުމަނުގެ ހެމްބާގަށް ބަދަލުވުމަށްފަހު، 1978 އަދި 1979 ވަނަ އަހަރު އޭނާ ވަނީ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއާއެކު އޭނާ ވެގެންދިޔައީ ބަލޮންޑޯ އެވޯޑު ދެ ފަހަރު ހޯދި ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާއަށެވެ. އެއަށްފަހު އެނބުރި އިނގިރޭސިވިލާތަށް އައިސް ސައުތެމްޕްޓަނާއި ނިއުކާސަލަށް ކުޅުމަށްފަހު، ކުޅުން ހުއްޓާލީ 1984 ވަނަ އަހަރު އުމުރުން 33 އަހަރުގައެވެ.
އިނގިރޭސި ޤައުމީ ޓީމަށް 1972 އާއި 1982 އާ ދެމެދު ކުޅުނު 63 މެޗުގައި ކީގަން 21 ލަނޑު ޖަހާފައިވާއިރު، 31 މެޗުގައި ޓީމުގެ ކެޕްޓަންކަން ކުރިއެވެ.
ކޯޗިންގެ ދާއިރާއަށް އޭނާ ނުކުތީ 1992 ވަނަ އަހަރު ނިއުކާސަލްއާ އެކުގައެވެ. އޭނާ ވަނީ އެ ކުލަބު ޕްރިމިއަރ ލީގަށް ޕްރޮމޯޓުކޮށްދީ، އިނގިރޭސިވިލާތުގައި ފެނިގެންދިޔަ އެންމެ ރީތި ފުޓްބޯޅައެއް ކުޅޭ އެއް ޓީމަށް އެ ކުލަބު ބަދަލުކޮށްލާފައެވެ. 1955/96 ވަނަ އަހަރުގެ ޕްރިމިއަރ ލީގު ތަށި ކާމިޔާބުކުރުމާ ވަރަށް ގާތަށް ކީގަންގެ ޓީމު ދިޔަ ނަމަވެސް، އެންމެ ފަހު ވަގުތު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެ ތަށި ކާމިޔާބުކޮށްފައެވެ.
1997 ވަނަ އަހަރު ނިއުކާސަލް ދޫކޮށްލުމަށްފަހު ފުލަމްގައި ކުރު މުއްދަތަކަށް މަސައްކަތްކޮށް، 1999 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސި ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައެވެ. ނަމަވެސް ޔޫރޯ 2000 އަށްފަހު ވެމްބްލީ ސްޓޭޑިއަމްގައި ޖަރުމަނު އަތުން ބަލިވި މެޗަށްފަހު އޭނާ އިސްތިއުފާދިނެވެ. އިސްތިއުފާދެމުން އޭނާ ބުނެފައިވަނީ އެ މަގާމަށް އޭނާ "ގާބިލު ނޫން" ކަމަށެވެ.
މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ކޯޗުކަންވެސް އޭނާ ކުރިއެވެ. އަދި 2008 ވަނަ އަހަރު އަލުން ނިއުކާސަލްއާ ހަވާލުވި ނަމަވެސް، އެ ފަހަރު އޭނާ އެ މަގާމުގައި ހުރީ އެންމެ 8 މަސް ދުވަހުއެވެ.
ކީގަންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 75 އަހަރުގައި އޭނާ މަރުވީ ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު، އޭނާގެ އަންހެނުންނާއި، އަންހެން ދަރިންގެ ގާތުގައި ކަމަށެވެ.
ކީގަން މަރުވުމާ ގުޅިގެން ފުޓްބޯޅަ ދުނިޔެ އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ލިވަޕޫލުން ބުނެފައިވަނީ އެ ކުލަބުގައި އޭނާ ދޫކޮށްދިޔަ ހަނދާންތައް ތާރީޚުގައި އަބަދަށް ބަދަލުނުވެ ދެމިހުންނާނެ ކަމަށެވެ. އަދި ނިއުކާސަލްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ ބުނީ ކީގަން އަކީ އޭނާގެ ބަތަލު، ކޯޗު އަދި ގާތް އެކުވެރިއެއް ކަމަށެވެ.