ENGLISH

18 ޖުލައި 2026

Advertisement

އުފާވެރި ސްކޫލް ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!

17 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކުޑަގިރި ޕިކްނިކް އައިލެންޑުގައި އާއިލާއަކުން ހަރަކާތްތެރިވަނީ. ޗުއްޓީގައި ސަމާލުވާންޖެހޭ މުހިއްމު ކަންކަން އެޗްޕީއޭއިން ވަނީ އާންމުކޮށްފަ. ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ސްކޫލްތައް ދެ ހަފުތާގެ ޗުއްޓީއަށް ބަންދުވުމާ ގުޅިގެން، އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުހިއްމު ކަންކަން އާންމުންގެ ސަމާލުކަމަށް ގެނެސްފިައެވެ. 

ސްކޫލް ބަންދަކީ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ލިބޭ ފުރުސަތަކެވެ. އެހެންނަމަވެސް މި ދުވަސްވަރު ސިއްހީ ރަނގަޅު އާދަތަކަށް ފަރުވާކުޑަކުރެވޭކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ޗުއްޓީގެ ތެރޭގައި މުޅި އާއިލާގެ ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮކޮށް ބެހެއްޓުމަށް އެ އެޖެންސީން ވަނީ ބާރުއަޅާފައެވެ. އެގޮތުން ސަމާލުކަންދޭންވީ ބައެއްް ކަންތައްތައް އެ އެޖެންސީން ވަނީ ހިއްސާކޮށްފައެވެ. 

ކެއިންބުއިމުގެ އާދަތަކަށް ސަމާލުކަން ދިނުން

އެޗްޕީއޭގެ އިރުޝާދުތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކެއިންބުއިމުގެ އާދަތައް އިސްލާހުކުރުމަށެވެ. އެގޮތުން ހަކުރު ގިނަ ބުއިންތަކާއި، ހަށިގަނޑަށް ގެއްލުންދޭ 'ޓްރާންސް ފެޓް' އެކުލެވޭ ކާނާއާ ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޓްރާންސް ފެޓަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ ނުރައްކާތެރި މާއްދާއެކެވެ. ކަރުހިއްކުން ފިލުވުމަށް ފޮނި ބުއިންތަކުގެ ބަދަލުގައި ފެން ބޭނުންކުރުމަށާއި، ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީއާއި މޭވާ ހިމެނުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.

ދުންފަތުގެ ދުމުން ކުދިން ރައްކާތެރިކުރުން

ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި، ދުންފަތުގެ ދުމުން ކުދިން ދުރުކުރުމަކީ ބެލެނިވެރިންގެ ބޮޑު ޒިންމާއެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ. ގޭތެރެއާއި ކުދިން އުޅޭ މާހައުލުތަކަކީ ދުމުން ސާފުވެފައިވާ ތަންތަނަށް ހެދުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފައެވެ.

ހަރަކާތްތެރިވެ އުޅުމާއި ސްކްރީން ވަގުތު މަދުކުރުން

ޗުއްޓީގައި ގޭގައި ތިބޭއިރު ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކަށް ހުސްވުމުގެ ބަދަލުގައި، އާއިލާއާއެކު ބޭރަށް ހިނގާލަން ދިއުމާއި ކަސްރަތު ލިބޭ ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމަށް ތަޖުރިބާކާރުން ލަފާދެއެވެ. މިއީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަމަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ހަކުރުބައްޔާއި ހިތުގެ ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. މިފަދަ ބަލިތަކުން މުސްތަގުބަލުގެ ޖީލު ސަލާމަތްކުރުމަށްޓަކައި، ކުޑައިރުއްސުރެ ދުޅަހެޔޮ އާދަތަކަށް ކުދިން ހޭނުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

އެޗްޕީއޭގެ އަމާޒަކީ މި ޗުއްޓީ ތެރޭގައި ފަށާ ދުޅަހެޔޮ އާދަތަކަކީ އާއިލާތަކުން ދާއިމީކޮށް ހިފަހައްޓާނެ އާދަތަކަކަށް ވެގެންދިއުމެވެ.

ސްކޫލް ބަންދު ދުވަސްވަރަކީ އާއިލާއާއެކު އުފާވެރި އަދި މާނަހުރި ވަގުތުތަކެއް ހޭދަކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކުދިންނާއި މުޅި އާއިލާގެ ދުޅަހެޔޮކަމަށް ގިނަގުނަ ފައިދާތަކެއް ލިބި، ބެލެނިވެރިންނާއި ދަރިންގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އަދި މިއީ ކުދިންގެ އިހުސާސްތައް ގާތުން ދެނެގަނެ، އެކުދިންނަށް ބޭނުންވާ އޯގާތެރިކަމާއި އަޅާލުން ދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު