ENGLISH

17 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޓީމަށް ތައްޓާއި ރަން މެޑެލްގެ އިތުރުން އަނގޮޓިއެއް

17 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަށް ފީފާއިން ދިނުމަށް ހަމަޖެހިފައިވާ އަނގޮޓި ---

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް، މުބާރާތުގެ ތައްޓާއި ރަން މެޑެލްގެ އިތުރުން، ޗެމްޕިއަންކަން ރަމްޒުކޮށްދޭ އަނގޮޓި ދިނުމަށް ފީފާއިން ނިންމައިފިއެވެ. މިއީ ފީފާގެ އެންމެ ޝަރަފުވެރި މުބާރާތް، އެމެރިކާގެ ކުޅިވަރު ސަގާފަތާ އެއްގޮތަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗަށްފަހު، މޮޅުވާ ޓީމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ 30 އަނގޮޓި ހަވާލުކުރާނެ ކަމަށް ފީފާއިން ބުނެއެވެ. މެޗު ނިމުމާއެކު، ޓީމުގެ ކެޕްޓަނަށާއި ހެޑް ކޯޗަށް އެންމެ ފުރަތަމަ އަރުވާނީ ވަގުތީ އަނގޮޓިތަކެކެވެ. އޭގެ ފަހުން މޮޅުވި ޓީމުގެ ވަނަވަރު ހިމަނައިގެން، ކުޅުންތެރިންގެ އިނގިލިތަކަށް ހެޔޮވަރުވާ ގޮތަށް އަނގޮޓިތައް ފަރުމާކޮށް، ފަހުގެ ތާރީޚެއްގައި ރަސްމީކޮށް ހަވާލުކުރާނެއެވެ.

މި އަނގޮޓިތަކުގެ އެއްފަރާތުގައި ވޯލްޑް ކަޕް ތަށީގެ ކުރެހުން ހުންނައިރު، އަނެއް ފަރާތުގައި ހުންނާނީ ޗެމްޕިއަން ޓީމާ ގުޅޭ ޚާއްސަ މައުލޫމާތުތަކެވެ. ކުޅުންތެރިންނަށް ދޭ އަނގޮޓިތަކަކީ ޖުމްލަ 2،026 އަނގޮޓީގެ ތެރެއިން ހިމެނޭ ބައެކެވެ. ބާކީ ހުރި 1،996 އަނގޮޓި، ފީފާގެ ރަސްމީ އުފެއްދުމެއްގެ ގޮތުގައި މުޅި ދުނިޔޭގެ ސަޕޯޓަރުންނަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އުތުރު އެމެރިކާގެ މަޝްހޫރު ކުޅިވަރުތައް ކަމަށްވާ އެންއެފްއެލް، އެންބީއޭ، މޭޖަރ ލީގު ބޭސްބޯލް އަދި އެންއެޗްއެލް ފަދަ މުބާރާތްތަކުގައި މިއީ ޒަމާނުއްސުރެ އޮންނަ އާދަކާދައެއް ނަމަވެސް، މީގެ ކުރިން ފީފާގެ އެއްވެސް މުބާރާތެއްގައި މިފަދަ އަނގޮޓިއެއް ދީފައެއް ނުވެއެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގެ ހާފް-ޓައިމް ބްރޭކުގައި މުނިފޫހިފިލުވުމުގެ ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އާންމުކޮށް ވޯލްޑް ކަޕަށް ވުރެ ބޮޑަށް، އެމެރިކާގެ ސުޕަރ ބޯލްއާ ގުޅުވޭ ކަމެކެވެ. އަދި މުޅި މުބާރާތުގައި މަޖުބޫރުކޮށްފައިވާ ހައިޑްރޭޝަން ބްރޭކުގެ ސަބަބުން، މެޗުތައް މިހާރު ފެންނަނީ ހަތަރު ކުއާޓަރަށް ބަހާލެވިފައިވާ ކަހަލަ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު