ENGLISH
17 ޖުލައި 2026
ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި ނަމަވެސް، ބޮވެން ވެސްޓް ހޭމުގައި މަޑުކުރާނެ
17 ޖުލައި 2026
|
ވެސްޓް ހޭމް ޔުނައިޓެޑުގެ ކެޕްޓަން ޖެރޮޑް ބޮވެން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އިނގިރޭސި ޕްރިމިއަރ ލީގުން ވެސްޓް ހޭމް ޔުނައިޓެޑް ރެލިގޭޓުވި ނަމަވެސް، ކެޕްޓަން ޖެރޮޑް ބޮވެން އެ ޓީމާއެކު ދެވަނަ ޑިވިޝަނުގައި މަޑުކުރާނެކަމުގެ ޔަގީންކަންދީފިއެވެ. އިނގިރޭސި ފޯވާޑް މިއަދު މިކަން ހާމަކޮށްފައިވަނީ އެ ކުލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައެވެ.
ވެސްޓް ހޭމް ރެލިގޭޓުވުމާއެކު އުމުރުން 29 އަހަރުގެ ބޮވެން އެ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވި، މުސްތަގުބަލާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
"އަހަރެންގެ އެންމެ ބޮޑު އަމާޒަކީ މި ކުލަބު އަލުން ޕްރިމިއަރ ލީގަށް ގެންގޮސްދިނުން. މި ކުލަބުގައި މަޑުކުރުމަކީ އަހަރެން މާ ބޮޑަށް ވިސްނަންޖެހުނު ކަމެއް ނޫން. އަހަރެމެންގެ ތަސައްވުރު ވަރަށް ސާފު، އެއީ އަލުން ޕްރިމިއަރ ލީގަށް އެނބުރި ދިއުން،" ބޮވެން ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "މިއީ އުނދަގޫ ވަގުތެއްކަން އަހަރެން ގަބޫލުކުރަން. ސަޕޯޓަރުންނެކޭ އެއްފަދައިން އަހަރެމެންވެސް ތިބީ މާޔޫސްވެފައި. އެކަމަކު އެކަން މިހާރު ނިމިއްޖެ. މިހާރު އޮތް މައިގަނޑު މަސައްކަތަކީ މި ސީޒަނުގައި އަލުން ޕްރިމިއަރ ލީގަށް ޕްރޮމޯޓުވުން."
2020 ވަނަ އަހަރު ހަލް ސިޓީން ވެސްޓް ހޭމްއާ ގުޅުނު ބޮވެން ވަނީ އެ ކުލަބަށް މިހާތަނަށް 280 މެޗު ކުޅެދީ، 85 ލަނޑު ޖަހައިދީފައެވެ. 2024 ވަނަ އަހަރު ކާޓް ޒޫމާ ކުލަބު ދޫކޮށްލުމާ ގުޅިގެން ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަނީ އޭނާއެވެ.
މީގެ އިތުރުން ބޮވެން ވަނީ އިނގިރޭސި ޤައުމީ ޓީމަށް 22 މެޗު ކުޅެދީފައެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕަށް ތޯމަސް ޓުޗެލް އެކުލަވާލި ސްކޮޑުން އޭނާއަށް ޖާގައެއް ނުލިބެއެވެ.
ވެސްޓް ހޭމްގެ ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ސީޒަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.