ENGLISH
13 ޖުލައި 2026
އެއްމަސްދުވަހުގެ ތެރޭ ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދައި ޕޯޓަލްގައި ރަޖިސްޓްރީވުމަށް އަންގައިފި
13 ޖުލައި 2026
|
މާލޭގައި ހުރި ކެމިކަލް ގުދަނެއް.
އެންމެ މަޤްބޫލު
ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ބާވަތްތައް އެތެރެކޮށް ވިއްކާތީ އެއްމަސްދުވަހުގެ ތެރޭ ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދައި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
ވުޒާރާއިން ބުނީ ދިވެހިރާއްޖެ އަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ވާނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
ނަމަވެސް ނުރައްކާތެރި ކެމިކަލް ގުދަންކޮށް ވިއްކާ ބައެއް ފަރާތްތަކުން، ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވުޒާރާއިން ބުންޏެވެ. އަދި މިފަދައިން ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުކަމެއްކަން ފާހަގަކޮށް ވުޒާރާއިން ވަނީ ކެމިކަލް ގުދަންކޮށް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމުގެ ހުއްދަ ހޯދުމަށް އިލްތިމާސްކޮށްފައެވެ. ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ވުޒާރާއިން މަސްދުވަހުގެ މުހުލަތެއް ދީފައިވެއެވެ.
ވުޒާރާއިން ބުނީ ކެމިކަލް ވިއްކުމުގެ ހުއްދަ ދޫކުރާނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށް ފަހު، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
ހުއްދަ ނެގުމަށް ދިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން އެންމެ ފަހު އާއްމުކުރި މައުލޫމާތުގައިވާގޮތުން ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަައެއް މާލޭގައި އެބަހުއްޓެވެ.
ނުރައްކާތެރި ކެމިކަލް ގެންގުޅުމުގެ ސަބަބުން މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު 2019 ވަނަ އަހަރު ހ. ތިލަފުށިގޭގައި ހިނގި މިފަދަ އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، ބޮޑެތި ގެއްލުންތަކެއްވިއެވެ. އެހާދިސާއާ ގުޅިގެން ސަރުކާރުން ނިންމީ މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށެވެ.