ENGLISH

13 ޖުލައި 2026

Advertisement

މެސީގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އާޖެންޓީނާ ގޮވައިގެން އިންގްލެންޑާ ދެކޮޅަށް ތާރީޚީ މެޗަކަށް

13 ޖުލައި 2026

|

މުޙައްމަދު އަދުހަމް

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ: ރޮއިޓަރސް

ދުނިޔޭގެ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވިއްސަކަށް އަހަރު ދުވަހު ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ބްރެޒިލުން ފެށިގެން ފްރާންސާ ހަމައަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ހުރިހާ ޤައުމަކާ ދެކޮޅަށް ވަނީ ކުޅެފައެވެ. އެހެންނަމަވެސް މި ލިސްޓުން އުނިވާ ހަމައެކަނި ޤައުމަކީ އިންގްލެންޑެވެ.

އުމުރުން 39 އަހަރުގެ މެސީ ވަނީ އޭނާގެ ކެރިއަރުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ، ބްރެޒިލް، އުރުގުއޭ، ޖަރުމަން، އިޓަލީ، ސްޕެއިން އަދި ފްރާންސާ ދެކޮޅަށް ކުޅެފައެވެ. އެކަމަކު މިހާތަނަށް އާޖެންޓީނާ ގޮވައިގެން އިންގްލެންޑާ ބައްދަލުކުރުމުގެ ފުރުސަތެއް އޭނާއަށް ލިބިފައެއް ނުވެއެވެ.

މީގެ 21 އަހަރުކުރިން 2005 ވަނަ އަހަރުގެ ނޮވެންބަރު މަހު ޖެނީވާގައި އާޖެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި މެޗުގައި ކުޅުމުގެ ފުރުސަތު މެސީއަށް ގެއްލުނީ، އެ އަހަރު ހަންގޭރީއާ ދެކޮޅަށް ޤައުމީ ޓީމާއެކު ނިކުތް ފުރަތަމަ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. އެއީ މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި ފަހަރުވެސް މެއެވެ.

މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މި މަހުގެ 16 ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ނިކުތުމަށް ތައްޔާރުވަމުންދާއިރު، އެ މެޗު ވެގެންދާނީ ހުރިހާ ގޮތަކުންވެސް ތާރީޚީ މެޗަކަށެވެ. ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މި ދެ ޓީމުގެ މެދުގައި ވާދަވެރި ކުރިމަތިލުންތަކެއް މީގެކުރީން ވަނީ ފެނިގެންގޮސްފައެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި މެސީ (ކ) ކުޅެނީ -- މފޮޓޯ: އޭޕީ

މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރި މެޗެވެ. އެ މެޗުގައި ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ގެ ނަމުން މަޝްހޫރުވެފައިވާ ގޯލު އިންގްލެންޑް ކޮޅަށް ވައްދާލިއިރު، މުބާރާތުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލުވެސް މަރަޑޯނާގެ ފަރާތުން އެ މެޗުގައި ފެނިގެންދިޔައެވެ.

މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފާހަގަކޮށްލެވޭ އިތުރު މެޗުތަކުގެ ތެރޭގައި؛ އިންގްލެންޑުން ވޯލްޑް ކަޕުގެ ތަށި ހޯދީ ހަމައެކަނި ފަހަރުގައި 1966 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބަލިކުރި މެޗާއި، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި މެޗު ފާހަގަކޮށްލެވެއެވެ.

އެގޮތުން، މިދިޔަ 64 އަހަރުގެ ތެރޭގައި ވޯލްޑް ކަޕުގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ކުރިހޯދާފައިވަނީ އިންގްލެންޑެވެ. އާޖެންޓީނާ އަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ.

އެހެންކަމުން، އާޖެންޓީނާގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ، މެސީގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިނގިރޭސީންނާ ދެކޮޅަށް ނިކުންނަ މެޗު، ވޯލްޑް ކަޕުގެ ސެމީ ފައިނަލް މެޗަކަށްވުމުގެ އިތުރުންވެސް ހުރިހާ ގޮތަކުން ޚާއްޞަވެއެވެ. އެމެރިކާގެ އެޓްލާންޓާގައި ކުޅޭ މި މެޗާ ގުޅޭގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެފްއޭއިން ބުނެފައިވަނީ، މިއީ "މެސީއަށްޓަކައި ތަޤުދީރުގައި ލިޔެވިފައިވާ މެޗެއް" ކަމަށެވެ.

ވޯލްޑް ކަޕެއްގެ މެޗެއްގައި ލަނޑުޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

"މިއީ ވަރަށް ހާއްސަ މެޗެއް. ސަބަބަކީ އިންގްލެންޑަކީ މޮޅު ޓީމެއް، ފުޓްބޯޅައިގެ ގަދަބާރެއް. މިފަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ލިބޭ އުފަލެއް،" ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް ނިކުންނައިރު އާޖެންޓީނާ ޓީމަށް އަރާމުކުރަން އިންތިހާއަށް ބޭނުންވެފައިވާކަން މެސީ ފާހަގަކުރިއެވެ. އެގޮތުން، ކުރިއަށް އޮތް މެޗަށް ނިކުންނައިރު، ހުރިހާ ކުޅުންތެރިން މިހާރުވެސް ދައްކަމުންދާ ވާދަވެރި ކުޅުން ކުރިއަށްގެންދިއުމަށް އެކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންގޮސް، އުއްމީދު އެބައޮތް ކަމަށް މެސީ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ވާދަވެރި ތިން މެޗެއް ކާމިޔާބުކޮށްގެންނެވެ. އެގޮތުން، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކާބޯ ވާޑޭ އަތުން 3-2 އިން މޮޅުވިއިރު، އޭގެފަހުން ކުޅުނު ގަދަ 16 ޓީމުގެ ބުރުގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 11 މިނެޓަށް ދިޔައިރު 2-0 އިން ބަލިވަމުން ދަނިކޮށް، ފަހަތުން އަރައި 3-2 އިން ވަނީ މޮޅުވެފައެވެ.

އެއަށްފަހު، މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާ މޮޅުވި ލަނޑުޖަހައިދޭން އެލެކްސިސް މެކް އެލިސްޓާ އަށް މެސީ އެހީތެރިވެދިން ނަމަވެސް، މިއީ 2022 ވަނަ އަހަރުގެ ޤަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އެ މުބާރާތުގެ މެޗެއްގައި މެސީއަށް ލަނޑެއް ނުޖެހި ދިޔަ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ: އޭޕީ

މީގެތެރެއިން، ކާބޯ ވާޑޭ އާއި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުވެސް ނަތީޖާ ނެރެން ޖެހުނީ އިތުރުވަގުތުގެ ކުޅުމަށްފަހުއެވެ. މިއާއެކު، އާޖެންޓީނާގެ ކުޅުންތެރިން ނޮކްއައުޓް ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި 120 މިނެޓު ފުރިހަމަކޮށްފައިވުމަކީ ޓީމަށް ވަރުބަލިކަން ގެނުވި ކަމެކެވެ.

މުބާރާތުގެ މިހާ ހިސާބަށްއައިއިރު މެސީ ވަނީ ހަ މެޗުގައި 8 ލަނޑުޖަހައިފައެވެ. މިއާއެކު، ވޯލްޑް ކަޕުގެ ތާރީޚުގައި މިހާތަނަށް ޖެހި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީވެސް މެސީ އަތުގައެވެ. މިހާތަނަށްއައިއިރު މެސީ ވަނީ ވޯލްޑް ކަޕުގެ އެކި މުބާރާތްތަކުގައި 21 ލަނޑުޖަހައިފައެވެ.

މި ހުރިހާ ސަބަބެއް މިހެން ހުރުމާއެކު އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މި މެޗަކީ ފުޓްބޯޅައިގެ ތާރީޚުގައި އޮތް އެންމެ ފޯރިގަދަ ވާދަވެރިކަމުގެ އާ ބާބެއްގެ ފެށުމެވެ. މިއީ އެތައް އަހަރެއްވީ ވާދަވެރިކަމުގެ ތެރެއިން ކުޅެވިގެންދާނެ ޚާއްޞަ މެޗެކެވެ. މި މެޗުގެ ސަބަބުން، އާޖެންޓީނާގެ ފުޓްބޯޅަ ތާރީޚުގައި އިންގްލެންޑާ ދެކޮޅަށް ކުޅެވިގެންދާނެ ހަނދާން ނައްތާނުލެވޭ ފަދަ މެޗުތަކުގެ ތެރޭގައި މެސީގެ ނަންވެސް ހިމެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު