ENGLISH
13 ޖުލައި 2026
ޓީލެމަންސް ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް
13 ޖުލައި 2026
|
އެސްޓަން ވިލާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް --- ފޮޓޯ: ގެެޓީ
އެންމެ މަޤްބޫލު
އެސްޓަން ވިލާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 29 އަހަރުގެ ޓީލެމަންސް ވިލާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ރިލީޒް ފީއެއް އޮތުމުގެ ސަބަބުން، އޭނާ ހޯދުމުގެ މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ވަނީ ފަސޭހަވެފައެވެ. އަދި އޭނާ ޔުނައިޓެޑާ ގުޅުމުގެ އެއްބަސްވުން ނިމުމަކާ ގާތުގައި އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ދަތުރުކުރުމުގައި ޓީލެމަންސް މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގެ ވޯމްއަޕުގައި ލިބުނު އަނިޔާއަކާ ގުޅިގެން، އެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ ޓީމުގެ މެދުތެރެ ވަރުގަދަކުރުމަށެވެ. އެކަމަކު އެ ކުލަބުން އެންމެ ބޭނުންވި ކުޅުންތެރިން ކަމަށްވާ އިނގިރޭސި މިޑްފީލްޑަރު އެލިއަޓް އެންޑަސަން މެންޗެސްޓަރ ސިޓީއަށް އަދި ޕޯޗުގަލްގެ މަތިއަސް ފެނާންޑޭޒް ޓޮޓެންހަމް ހޮޓްސްޕަރއަށް ބަދަލުވުމާ ގުޅިގެން، ޔުނައިޓެޑަށް ވަނީ ކުޅުންތެރިން ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އެޓަލާންޓާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި އެޑަސަން --- ފޮޓޯ: ގެެޓީ
މީގެ އިތުރުން އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި އެޑަސަން 35 މިލިޔަން ފައުންޑަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، މިހާރު އެ ޑީލް ވަނީ މަޑުޖައްސާލާފައެވެ. އެކަމަކު ޗެލްސީގެ އެންޑްރޭ ސަންޓޯސް 48 މިލިޔަން ފައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓުތައް މިހާރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެޑަސަންގެ ޓްރާންސްފާ ހުއްޓުމަކަށް އައީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގައި ހެދި ފުރަތަމަ ޓެސްޓުތަކުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފާހަގަވުމުން، އިތުރު މެޑިކަލް ޓެސްޓުތަކަށް އޭނާ އިންގްލެންޑަށް ދިޔައެވެ. މި ޓެސްޓުތައް ހެދީ ވޯލްޑް ކަޕުގައި ނޯވޭ އަތުން ބްރެޒިލް ބަލިވި މެޗަށް ފަހުގައެވެ. އެއާއެކު ޚާއްސަ ޑޮކްޓަރުންގެ ލަފަޔާއެކު ޔުނައިޓެޑުން މިހާރު އޭނާ ނުގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ސަންޓޯސް ގެނައުމަށް ނިންމި ނިންމުމަކީ އެޑަސަންގެ ޓްރާންސްފާގައި ދިމާވި މައްސަލަތަކާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި ސަންޓޯސް ގެނައިކަން މި ހަފުތާގެ ކުރީކޮޅު ރަސްމީކޮށް ޔުނައިޓެޑުން އިއުލާންކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.