ENGLISH
13 ޖުލައި 2026
ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް 2028 އަށް ނިންމަނީ
13 ޖުލައި 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް މިއަދުގެ ޖަލްސާގައި..
އެންމެ މަޤްބޫލު
ލ. ހިތަދު އާއި ކުނަހަންދޫ އަދި މެންދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް 2028 އަށް ނިމޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑަައިގެން މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. މެމްބަރު ސުވާލުކުރެއްްވީ ލ. ހިތަދު އާއި ކުނަހަންދޫ އަދި މެންދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައި އަދި ނިމޭނެ ތާރީހެއް އޮޅުންފިލުވައިދިނުމަށްއެދިއެވެ.
ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ މި މަސައްކަތަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ސޮއިކުރެވިފައިވާ މަޝްރޫއެއްކަމަށެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ ދެ ވަނަ ދުވަހު އެމްޓީސީސީން ވަނީ މަޝްރޫއަށް ބޭނުންވާ ތަކެތި އެ ރަށަށް ފޮނުވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އޭރު ސާވޭގެ މަސައްކަތްތަކާއި ބިމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ފެށި ނަމަވެސް އެންމެ އެކަށީގެވާގޮތަކަށް އެ މަސައްކަތް ކުރިއަށްގެންގޮސްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސާވޭގެ މަސައްކަތާއި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 20 ވަނަ ދުވަހުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 81 މިލިއަން ރުފިޔާގެ އެ މަޝްރޫއުއަކީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ.
"ކޮންޓްރެކްޓަރުގެ ސްކޯޕްގައިވާގޮތުން 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބުރިޖާއި އަދި 714 މީޓަރުގެ ދިގު މަގެއް ހެދިގެންދާނެ، މިހާރު މި މަސައްކަތް ކުރެވެމުންދާ ގޮތަށް ބަލާއިރު ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް، އަޅުގަނޑުވެސް ގަބޫލުކުރަން މި މަޝްރޫއުގެ މަސައްކަތް އަޅުގަނޑުމެން އެދޭހާ ބާރު ސްޕީޑަކު ނޫން ދަނީކީ، އެހެންނަމަވެސް މަސައްކަތް ކުރަމުންމިދަނީ 2028 ގެ މެދުތެރެއަށް ދާންވާއިރަށް މަސައްކަތް ނިންމައި ރައްޔިތުންނަށް މަގު ބޭނުންކުރެވޭނެ ގޮތް ހެދުމަށް،". ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ޖަވާބާ ގުޅުވައި ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މެމްބަރު ޝާކިރު ވަނީ މަޝްރޫއު ދިގުލައިގެންދަނީ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ފައިސާ ނުލިބިގެންތޯ ސުވާލު އުފައްދަވާފައެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ނިމުނު އެމްޑީޕީގެ ސަރުކާރުން ސޮއިކޮށްފައިވާ 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހުއްޓިފައިހުރިކަމަށެވެ. އަދި މި ސަރުކާރުންވެސް ވެރިކަމަށް އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ފުއްދައިދޭނެކަމުގެ ވައުދާއެކުގައިކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކަށްވީ ކުރީ ސަރުކާރުގައި ފަށާފައި އެކި މަރުހަލާތަކުގައި ދޫކޮށްލާފައިހުރި މަޝްރޫއުތައް ނިންމުމަށްފަހު މި ސަރުކާރުގެ އައު މަޝްރޫއުތައް ފެށުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކާއި މި ސަރުކާރުން ފަށާ މަޝްރޫއުތައް ނިންމައިދޭނެކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ތަކުރާރުކޮށް ވިދާޅުވީ ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް 2028 ގެ މެދުތެރެއަށް ނިންމާލެވޭނެކަމަށެވެ.
ވަޒީރު ފާހަގަކުރެއްވިގޮތަށް ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ވެސް ކުރިއެވެ. އެގޮތުން އެ މަޝްރޫއު 2019 ވަނަ އަހަރު ބަޔަކާ ހަވާލު ކުރިޔަސް، 2023 ވަނަ އަހަރާ ހަމައަށް ވެސް އެ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. އެ މަޝްރޫއުގެ އަމަލކީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް މުއިއްޒު އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.