ENGLISH

13 ޖުލައި 2026

Advertisement

ފާއިތުވި ދެ އަހަރާއި ބައިން ފެނާއި ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

13 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ހޯޑެއްދޫ ފެނާއި ނަރުދަމާ އިފުތިތާހުކުރުން

ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ 43 މަޝްެރޫއެއް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ ނިންމާލާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އާބަން ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެމްއެމްޓީވީން އެދިގެން އެ ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ޖުމްލަ ފެނާއި ނަރުދަމާގެ ޖުމްލަ 154 މަޝްރޫއެއް ފެށިއެވެ. ނަމަވެސް އެ ފަސް އަހަރުގެ ތެރޭގައި ނިންމައިލެވުނީ އެންމެ 52 މަޝްރޫއެވެ. ޖުމްލަ 102 މަޝްރޫއެއް ނުނިމި އޮތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ނޮވެންބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 2026 ޖޫން 30 ވަނަ ދުވަހާ ހަމައަށް ފެނާއި ނަރުދަމާގެ އައު 50 މަޝްރޫއެއް ހިންގުމަށް ހަވާލުކުރެވިފައިވެއެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން މަސައްކަތް ކުރިއަށްނުދާތީ ބާތިލުކުރި އެއްބަސްވުންތައް ހިމެނެއެވެ. 

ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ފެނާއި ނަރުދަމާގެ 69 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސްދަނީ ކުރެވެމުންނެވެ. އެ މަޝްރޫއުތައް ކުރިއަށްދާއިރު ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ 43 މަޝްރޫއެއް ނިމިފައިވެއެވެ. 

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު އެކި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 21 މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކެވެ. 

އެ ވުޒާރާއިން ބުނި ގޮތުގައި މިހާރު ކުރިއަށްދާ 69 މަޝްރޫއުގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ނިންމައިލެވޭނެއެވެ. އެ މަޝްރޫއުތައް ނިންމައިލުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު