ENGLISH
13 ޖުލައި 2026
ހޯރަފުށީ މަގުތަކުގައި ޔޫޕީވީސީ ހޮޅި ވަޅުލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
13 ޖުލައި 2026
|
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހއ. ހޯރަފުށީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޔޫޕީވީސީ ހޮޅި ވަޅުލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މީގެއިތުރުން، މަގުގެ އަރިމަތީގައި ޖަހާ ކާބްސްޓޯން އެތުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ މަގުތަކުގެ ސަބްބޭސް ތައްޔާރުކުރުމާއި، އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މަގުތަކުގެ ފެހިކަން ދެމެހެއްޓުމަށް ގްރީން އޭރިއާ ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަންތަކާއި ސަރވިސް ލައިންތައް ވަޅުލުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. ޖުމްލަ 30.46 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
ހޯރަފުށީގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހި ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ އެމްޓީސީސީންނެވެ. އެ ފިޔަވަހީގައި 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ރަށުގެ 11 މަގެއްގައި 5.3 ކިލޯމީޓަރުގެ ތާރު އަޅާފައިވެއެވެ.
ހޯރަފުއްޓަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ، އަދި ގިނަ އަދަދެއްގެ ބަރު އުޅަނދުތައް ހަރަކާތްތެރިވާ ރަށަކަށްވާތީ، ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ހުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތާއެކު މަގުތައް ފެންބޮޑުވުމާއި ހިރަފުހުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިފައިވާއިރު، މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހި ނިމުމާއެކު ރަށުގެ މަގުތަކުގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މަގުހެދުމުގެ މަޝްރޫޢުގެ އިތުރުންވެސް އެމްޓީސީސީން ވަނީ ހޯރަފުށީގައި ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ހިންގި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.