ENGLISH

12 ޖުލައި 2026

Advertisement

ބަންގްލަދޭޝަށް ކުރިމަތިވަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން ރައީސް ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފި

12 ޖުލައި 2026

|

ޢަލީ ޝަހީމް

ބަންގްލަދޭޝަށް ދިމާވެފައިވާ މޫސުމީ ހިތާމަވެރި ކާރިސާގައި އެގައުމުގެ ހާލަތު ގޯސްވެފައި. ފޮޓޯ: ރިއުޓަސް

ބަންގްލަދޭޝަށް ކުރިމަތިވަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމުގެ ރައްޔިތުންނަށް ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ބަންގްލަދޭޝްއަށް މިހާރު ކުރިމަތިވަމުންދާ ވަރުގަދަ މޫސުމީ ވިއްސާރައާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބޮޑުވަޒީރު މުޙައްމަދު ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފައެވެ. 

މި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށާއި، ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެންމެހައި ފަރާތްތަކާއެކު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އޮތީ ބަންގްލަދޭޝްއާއެކު ސާބިތުކަމާއެކުގައި ކަމަށާއި، އަދި މި ހާދިސާގެ އަސަރުކޮށްފައިވާ އެންމެހައި އާއިލާތަކަށް ރައްކާތެރިކަމާއި، ހިތްވަރާއި، އަވަސް ޝިފާއަކަށް އެދޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. 

ބަންގްލަދޭޝަށް ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައަށް ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި 267،918 ގޭބިސީއަކަށް ގެއްލުންވެ އެގައުމުގެ ހަތް ސަރަޙައްދަކުން މިލިއަނެއްހާ މީހުންނަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު