ENGLISH
12 ޖުލައި 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ހަލުއި ދުވެލީގައި ނިންމަނީ
12 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ކުރިއަށްގެންދިޔަ ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ އެންމެހާ މަސައްކަތްތައް ވެސް އެއްކޮށް ނިންމާލައިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ތާވަލުކުރެވިފައިވާއިރު، މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް ހަލުއި ދުވެލީގައި މަސައްކަތްކުރަމުންދާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ޕާކިންގ ޒޯން ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ޕޭވްމަންޓްގެ ބާކީ ހުރި މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަމަށް އެމްޓީސީސީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ
އެކި ސަބަބުތަކާހުރެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މި ސަރަޙައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކުރިން ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. މަގުގެ މިހާރު ހަދަމުންދާ ބައި ނިމޭއިރު އެ ސަރަހައްދުގައިވާ ހުރިހާ އޮފީސްތަކާއި ބެންކަށްދާ މީހުންނަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަހައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަހައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.