ENGLISH
12 ޖުލައި 2026
އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފަށަނީ
12 ޖުލައި 2026
|
ރާއްޖޭގެ އީ ޕާސްޕޯޓު
އެންމެ މަޤްބޫލު
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަސީޙް ވިދާޅުވެއްޖެ އެވެ.
ފަސީޙް ވިދާޅުވީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓްކުރަން ބޭނުންކުރާ ބުކްލެޓް ހުސްވެ، އީޕާސްޕޯޓު ހެދުން ވަނީ މިދިޔަ މޭ މަހުން ފެށިގެން މެދުކަނޑާލައިފަ އެވެ. އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް މި ފަހުން ދޫކުރަން ފެށީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ.
އެކަމާ ގުޅިގެން "ސަރުކާރު" ވެބްސައިޓުގައި ހޯމްލޭންޑް މިނިސްޓްރީން އާންމުކޮށްފައިވާ ޚަބަރުގައި ފަސީހު ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރު ދީފައިވާ ކަމަށެވެ. އޭގެ ސްޓޮކް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ފަސީހު ވިދާޅުވެ އެވެ. އެއާ އެކު ހިދުމަތް އަލުން ފެށޭނެ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.
އިމިގްރޭޝަނުން މި ފަހަރު ވަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށް ފަހު، އެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރުމުގެ ފުރުސަތު ބޭނުންވާ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި، އެ ފުރުސަތު ދޭން ނިންމައިފަ އެވެ. އެ ފީގެ ގޮތުގައި ނަގަމުން އައީ 100ރ. އެވެ.
"ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އޭގެ އަގަކީ 600ރ. އެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1،000ރ. ދައްކަންޖެހެ އެވެ.