ENGLISH

05 ޖުލައި 2026

Advertisement

ދެ މެޗަށްފަހު ޓިއުނީޝިއާގެ ކޯޗުގެ މަގާމުން ރެނާޑް ވަކިވެއްޖެ

05 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ މެޗެއްގައި ޓިއުނީޝިއާގެ ކޯޗު ހާވޭ ރެނާޑް --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ކަޓައި، މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗުގެ މަގާމުން ފްރާންސްގެ ހާވޭ ރެނާޑް އިސްތިއުފާދީފިއެވެ.

އުމުރުން 57 އަހަރުގެ ރެނާޑް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޓިއުނީޝިއާގެ ޤައުމީ ޓީމާއެކު އޭނާ ކުރި ދަތުރު މިހިސާބުން ނިމުނީ ކަމަށެވެ. އަދި ވޯލްޑް ކަޕުގައި އެ ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ދިންކަމަށްޓަކައި ޓިއުނީޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓިއުނީޝިއާގެ ކޯޗުކަން ކުރުމަކީ ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރަމުން ރެނާޑް ބުނީ، މި ތަޖުރިބާއަކީ އަބަދުވެސް އޭނާގެ ހަނދާނުގައި ހުންނާނެ ކަމެއް ކަމަށެވެ.

ވޯލްޑް ކަޕުގައި ރެނާޑް ޓިއުނީޝިއާއަށް އިރުޝާދުދީފައިވަނީ އެންމެ ދެ މެޗުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޑަން އަތުން 5-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން، އެ މެޗަށްފަހު ކޯޗު ލަމޫޗީ ވަނީ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު ރެނާޑް ކޯޗުކަމާ ހަވާލުވި ނަމަވެސް، ދެވަނަ މެޗުގައި ޖަޕާން އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެ، ޓީމުގެ ހާލަތު އިތުރަށް ގޯސްވިއެވެ. ޖަޕާން އަތުން ބަލިވި މެޗަށްފަހު ރެނާޑް ބުނެފައިވަނީ އެ ނަތީޖާގެ ސަބަބުން އޭނާ "ލަދުގަންނަ" ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމާއެކު، އެއްވެސް މެޗަކުން މޮޅުނުވެ ޓިއުނީޝިއާއަށް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

ކޮލިފައިންގައި ބައިކޮޅަށް އެއްވެސް ލަނޑެއް ވަދެނުދީ މުބާރާތަށް ކޮލިފައިވުމުން، ޓިއުނީޝިއާއާ މެދު އޮތް އުއްމީދުތައް ވަރަށް ބޮޑެވެ. ނަމަވެސް ވޯލްޑް ކަޕުގައި އެ ޓީމުގެ ކުޅުން ދަށްވެގެން ދިޔަ ގޮތުން، ޤައުމީ ޓީމުގެ ކުރިމަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މިފަހަރުގެ 48 ޓީމު ހިމެނޭ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓިއުނީޝިއާ ކޮޅަށް 12 ލަނޑު ވަދެފައިވެއެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ގްރޫޕް ސްޓޭޖެއްގައި ޓީމެއްގެ ކޮޅަށް އެންމެ ގިނަ ލަނޑު ވަދެގެން ރިކޯޑު ކުރެވުނު އަދަދެކެވެ. މީގެ ކުރިން މި ރިކޯޑު އޮތީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި 11 ލަނޑު ވަން ކޮސްޓަ ރީކާގެ އަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު