ENGLISH
05 ޖުލައި 2026
އަހްލީގައި ތިން ސީޒަން ހޭދަކުރުމަށްފަހު، މަހްރޭޒް އެ ކުލަބު ދޫކޮށްލައިފި
05 ޖުލައި 2026
|
އަލް-އަހްލީއަށް ކުޅުނު އަލްޖީރިއާގެ ފުޓްބޯޅަ ތަރި ރިޔާދު މަހްރޭޒް ---
އެންމެ މަޤްބޫލު
ސައުދީ ޕްރޯ ލީގުގެ ކުލަބު އަލް-އަހްލީގައި ތިން ސީޒަން ހޭދަކުރުމަށްފަހު، އަލްޖީރިއާގެ ފުޓްބޯޅަ ތަރި ރިޔާދު މަހްރޭޒް އެ ކުލަބު ދޫކޮށްލާފައިވާކަން އިއުލާންކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ކުލަބުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޝުކުރިއްޔާ ރިޔާދު މަހްރޭޒް. ހަނދާނުން ފޮހެލަން ދަތި ތިން އަހަރު. އަލް-އަހްލީގެ ސަޕޯޓަރުންގެ ހިތްތަކުގައި އަބަދުވެސް ހަނދާންތައް އާވެއާވެ ހުންނާނެ" ކަމަށެވެ.
މަހްރޭޒް ވަނީ އަލް-އަހްލީއަށް ކުޅެދިން 122 މެޗުގައި 37 ލަނޑު ޖަހައި، 46 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކުލަބާއެކު ޖެހިޖެހިގެން ދެ ފަހަރު އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ ތަށި ކާމިޔާބުކޮށްފައެވެ.
މީގެ ކުރިން އުމުރުން 35 އަހަރުގެ މަހްރޭޒް ވަނީ 12 އަހަރަށްފަހު ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރަން ނިންމިކަން އިއުލާންކޮށްފައެވެ. އޭނާ ވަނީ އަލްޖީރިއާގެ ޤައުމީ ޓީމަށް 119 މެޗު ކުޅެދީ، 40 ލަނޑު ޖަހައި، 45 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. މިއާއެކު މަހްރޭޒް ވެފައިވަނީ އަލްޖީރިއާގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 އަށް އަލްޖީރިއާ ފުރަތަމަ ފަހަރަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް އެ ޓީމު ގެންގޮސްދިނުމުގައިވެސް އޭނާ އިސްދައުރެއް އަދާކުރިއެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު މިސްރުގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި އަލްޖީރިއާއަށް ހޯދައިދިނީ މަހްރޭޒްގެ ކެޕްޓަންކަމުގެ ދަށުންނެވެ.
ކުލަބު ފެންވަރުގައި ބަލާއިރު، 2015/16 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާ ސިޓީން އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރިއިރު މަހްރޭޒްއަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭގެ ފަހުން މެންޗެސްޓަރ ސިޓީގައިވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ލީގުގެ ގިނަ ތަށިތަކަކާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހިމެނެއެވެ.