ENGLISH
02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޒަކާތާއި ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
02 ޖުލައި 2026
|
މޯލްޑިވްސް ފައިނޭންޝިއަލް އެސްޕޯ ޒަކާތާއި ގުޅުންހުރި ފޮތްތައް ރައީސުލް ޖުމްހޫރިއްޔާއަށް އެރުވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ނެރެފިއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ، މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި ހަތަރު ފޮތް އެމަނިކުފާނަށް އަރުވައިފައެވެ. މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.
ޒަކާތު ހައުސްއިން ނެރުނު ފޮތްތައް:
މޯލްޑިވްސް ފައިނޭންޝިއަލް އެސްޕޯ ބައްލަވާލެއްވުމަށް ރައީސް ވަޑައިގެންނެވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ކޮންމެ ދުވަހަކު މެންދުރުފަހު 3:00އިން ރޭގަނޑު 10:00އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އެކްސްޕޯގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
ޒަކާތު ހައުސް އިން ބުނީ، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މީގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، މިހާރު ހުޅުވާލެވިފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނޭކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒް ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ހުރިހާ ބައިވެރިންގެ މެދުގައި އެކްސްޕޯ ނިމުމުން ނެގޭ ގްރޭންޑް ޕްރައިޒް ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ޒަކާތާ ގުޅޭ ހިލޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސްތައް ވެސް ސްޓޯލުން ލިބެން ހުންނާނެކަމަށް ބުންޏެވެ.