ENGLISH
02 ޖުލައި 2026
ޝައިޚު މަރުޙޫމް އިސްމާޢީލްގެ ޛިކުރާ؛ ކެތްތެރި މުރައްބީއެއް، އަގުނުކުރެވޭހާ ޚިދުމަތްކުރެއްވި
02 ޖުލައި 2026
|
ޝައިޚް އިސްމާޢީލްގެ ހަނދާނުގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ޢުމުރުފުޅުން 90 އަހަރުފުޅުގައި ދުނިޔެ ދޫކުރެއްވި ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު (ޝައިޚް ސަހާބު)ގެ ޛިކުރާ އައުކުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ކުރިއަށްގެންދިޔަ ފޯރަމުގައި ޝެއިޚްގެ އެހީތެރިކަމާއެކު ތައުލީމު ހާސިލުކުރެއްވި ބައެއް ބޭފުޅުންނާއި، ޝައިޚާ ގާތްކަން އޮތް އެކުވެރިން ޝައިޚުގެ ޚިދުމަތުގެ ބައެއް މުހިއްމު ވާހަކަތައް ހިއްސާކުރައްވާފައެވެ.
ތުއްޕުޅުއިރުވެސް ތައުލީމަށް ލޯބިކުރެއްވި ޝައިޚު އިސްމާޢީލުގެ ޢިލްމީ ޙަޔާތްޕުޅު ފެއްޓެވި ގޮތް މިއަދުގެ ފޯރަމުގައި ވިދާޅުވެދެއްވީ ޝައިޚުގެ ރަޙުމަތްތެެރި އެކުވެރިއެއްކަމުގައިވާ ޢަބްދުއްލަޠީފު ޢުމަރެވެ. މަޖީދިއްޔާ ސްކޫލުގައި އެކީ ކިޔަވައިވިދާޅުވި ދުވަސްވަރު ޝައިޚާ ބައްދަލުވެވަޑައިގެންނެވި ޢަބްދުއްލަޠީފަކީ ޝައިޚް ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރައްވަން ކުރެއްވި ދަތުރު ފެއްޓެވުމުގައި މެދުވެރިއަކަށް ވެވަޑައިގަތް ބޭފުޅާއެވެ. ޝައިޚުގެ އެންމެ ފަހު ނޭވާއާ ހަމައަށްވެސް އެކަން ވަރަށް ބޮޑަށް ހަނދުމަފުޅުގައި ބަހައްޓަވައި، ޢަބްދުއްލަޠީފާމެދު ވަރަށް ބޮޑަށް ކަމޭހިއްތެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ތަޢުލީމު ޙާސިލުކުރެއްވުމަށް ބޭނުންފުޅުވާ މިންވަރުން، ޢަބްދުއްލަޠީފުގެ ބޭބެ އިންޑިޔާއަށް ވަޑައިގަންނަވާ އޮޑިއެއްގައި އޭނާ އަރިހުގައި އިންޑިޔާއަށް ވަޑައިގެންނެވޭ ގޮތް ހަމަޖައްސަވައިދެއްވަން ޝައިޚް އެދިވަޑައިގަތުމުން ބޭބެ އަރިހުގައި ދަންނަވައިގެން ޢަބްދުއްލަޠީފު ޝެއިޚަށް އެ ދަތުރު ފަހިކޮށްދެއްވިއެވެ. އެއީ މީގެ 65 އަހަރު ކުރިއެވެ.
ޝައިޚް އިންޑިޔާއަށް ވަޑައިގަތީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ޢިލްމުވެރިން އަރިހުން މައުލޫމާތު އޮޅުންފިލުއްވައިގެންނެވެ. ޢަބްދުއްލަޠީފުގެ ބޭބެއާއެކު އިންޑިޔާއަށް ވަޑައިގެން އެ ޤައުމުގައި ކިޔަވައިވިދާޅުވާން ދުވަސްކޮޅަކު އުޅުއްވުމަށްފަހު ދެން ވަޑައިގަތީ ސަޢުދީ ޢަރަބިއްޔާއަށެވެ. ޝައިޚް އިސްމާޢީލަކީ ސަޢުދީ ޢަރަބިއްޔާއިން ތަޢުލީމު ފުރިހަމަކުރެއްވި ފުރަަތަމަ ދިވެހި ޢިލްމުވެރިޔާއެވެ.
ޝައިޚް ކިޔަވައިވިދާޅުވެގެން ރާއްޖެއަށް ވަޑައިގެން ޠައިބާ ސްކޫލުގެ ނަމުގައި ދީނީ މަދުރަސާއެއް ފެއްޓެވިއެވެ. އެއިރު ރާއްޖޭގައި ތިއްބެވި އެކި ޤައުމުތަކުން ކިޔަވައިވިދާޅުވި ދީނީ ޢިލްމުވެރިންނަށް ދަޢުވަތުދެއްވައި އެ ސްކޫލުގައި ކިޔަވައިދެއްވަން ފުރުސަތު ދެއްވިއެވެ. އެބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މޫސާ ފަތުޙީ އަދި ޝައިޚް ޢުޘްމާން ޢަލީއާއި ޝައިޚް މުޙައްމަދު އިބްރާހީމު ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ.
"އެކަމަކު އެއިރުގެ ވެރިކަމުގެ ފަރާތުން މިތަނަކީ ބޭރުގެ އެހީ ލިބިގެން، މާބޮޑު އެއްޗެއް ލިބިގެން ހިންގާ ތަނެއްކަމަށް ފެނިގެން އެއިރުގެ ސަރުކާރަކަށް ފެނިވަޑައިނުގަތް ޝައިޚް އިސްމާޢީލު ލައްވާ އެކަން ހިންގަން. ދެން ކޮންމެއަކަސް އެތައް ބަންދުކޮށްފި، ދެން އެއްވެސް މަގެއް ފެނިވަޑައިނުގަތުމުން ޝައިޚު ކުރެއްވިކަމަކީ ޝައިޚަށް ކިޔަވައިދެއްވި އުސްތާޛުންނާ ގުޅުއްވައިގެން ޕާކިސްތާނުގައި ހުންނެވޭނެ ގޮތެއް ހޯއްދެވީ،" ޠައިބާ ސްކޫލު ބަންދުކުރައްވަންޖެހިވަޑައިގަތުމާއި އެއަށްފަހު ޝައިޚު ރާއްޖެ ދޫކުރައްވަން ވަޑައިގަތުމަށް މެދުވެރި ގޮތް ވިދާޅުވެދެއްވަމުން ޢަބްދުއްލަޠީފު ވިދާޅުވިއެވެ.
ލަޠީފު ވިދާޅުވި ގޮތުގައި ޝައިޚު ރާއްޖެ ދޫކުރައްވައި ވަޑައިގަތުމަށްފަހު ދެން ފެއްޓެވީ ރާއްޖެއިން ޕާކިސްތާނަށް ދަރިވަރުން ގެންދެވުމަށެވެ. ޢަބްދުއްލަޠީފު ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ހުންނަވައިގެން ޝައިޚު ސިޓީއެއް ފޮނުއްވައި ރާއްޖެއިން ތޫނުފިލި ކިޔަވަން ބޭނުންވާ ކުދިން ޝައިޚު އަރިހަށް ފޮނުވައިދެއްވަން ނުވަތަ ގެނެސްދެއްވުމަށް އެދިވަޑައިގަތެވެ. ޢަބްދުއްލަޠީފު ދެފަހަރެއްގެ މަތިން ދަރިވަރުން ގޮވައިގެން ވަޑައިގަތެވެ. އަދި ޝައިޚުގެ އަރިސް ބައެއް ބޭފުޅުން މިކަމުގައި ޝައިޚަށް އެހީތެރިވެވަޑައިގެން ރާއްޖެއިން ކުދިން ޝައިޚު އަރިހަށް ކިޔެވުމަށް ގެންދެވިއެވެ.
ޝައިޚު ޕާކިސްތާނަށް ވަޑައިގެން އެ ޤައުމުގެ ޖާމިޢާ ސަލަފިއްޔާގައި ކިޔަވައިދެއްވަން ފެއްޓެެވިއެވެ. ޝައިޚުގެ އެދިވަޑައިގަތުމަށް ކިޔަވައިދިނުމަށް ރާއްޖެއިން ޕާކިސްތާނަށް ގެންދެވި ދަރިވަރުން ގުޅުނީ އެ ޔުނިވަސިޓީއާއެވެ. އެކުދިންގެ ތަރުބަވީ ކަންކަމާ ހަވާލުވެވަޑައިގެން ޝައިޚު އެ ހުރިހާ ކުދިންގެ ކަންކަން ބަލަހައްޓަވަމުންގެންދެވީ އަމިއްލަ ބޭފުޅުންގެ ކަންކަން ބަލަހައްޓަވާނެ ގޮތަށެވެ. އެހާވެސް އޯގާތެރިކަމާއެކުއެވެ. ސަމާލުކަންދެއްވައިގެން ފަރުވާތެރިކަން ބަހައްޓަވައިގެންނެވެ.
ޑރ.މުޙައްމަދު ޤުބާދަކީ އެ ޔުނިވަސިޓީއަށް ކިޔަވައިވިދާޅުވާން ވަޑައިގަތް ދިވެހި ދަރިވަރެކެވެ. މަޢުހަދުގައި ކިވައިވިދާޅުވުމަށްފަހު ޕާކިސްތާނަށް ވަޑައިގެންނެވި ޑރ.ޤުބާދު ވިދާޅުވި ގޮތުގައި އެޔުނިވަސިޓީގައި އުރުދޫ ބަހުން ކިޔަވައިދޭތީ ޢަރަބި ބަސް އުނގެނިވަޑައިގަތުމަށް ބޭނުންފުޅުވެގެން ޝައިޚު އިސްމާޢީލުގެ އަރިހުގައި ދެންނެވުމުން ޢަރަބި ބަސް ކިޔަވައިދެއްވަން ފެއްޓެވިއެވެ.
ކިޔެވުމުގައި އެހީތެރިވެދެއްވުމުގެ އިތުރަށް ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ދެއްވައެވެ. ޑރ.ޤުބާދު ވިދާޅުވި ގޮތުގައި އެއިރު އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ކޮންމެ ކަމެއް ކުރިމަތިވިޔަސް އެކަމުގައި އެހީތެރިވެދެއްވަނީ ޝައިޚެވެ.
"އެ ދުވަސްވަރުގައި ކޮންމެ ކުއްޖަކަށް ކޮންމެ ކަމެއް ދިމާވިޔަސް ދާން ހުންނާނީ ހަމައެކަނި ޝައިޚް. އެހެންވީމާ އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ހާސިލުވީ ޝައިޚުގެ ފަރާތްޕުޅުން. ތަޢުލީމު ލިބުނީ ޝައިޚުގެ ފަރާތްޕުޅުން، އަޅުގަނޑުމެންގެ ޞިއްޙަތާއި މިހުރިހާ ކަމެއްގައިވެސް އެހީތެރިކަން ވެދެއްވަނީ ޝައިޚް. އަޅުގަނޑުމެން ނަމާދަށް ގޮވައިލައްވަނީވެސް ޝައިޚް،" ޑރ.ޤުބާދު ވިދާޅުވިއެވެ.
ޑރ.ޤުބާދު ސިފަކޮށްދެއްވި ގޮތުން ޝައިޚަކީ މަޑުމައިތިރި އަޚުލާޤު ރަނގަޅު ބޭފުޅެކެވެ. ދުވަހަކުވެސް ކޯފާވެފައި ހުންނަވަނިކޮށް ފެނިވަޑައިގެންފައިނުވާކަމަށާއި، ދަރިވަރަކާމެދު އަޑުފުޅު އުފުއްލަވައި ބަސްފުޅެއް ވިދާޅުނުވާ ކަމަށް ޑރ.ޤުބާދު ވިދާޅުވިއެވެ.
ޢަރަބިއްޔާގެ ކުރީގެ މުދީރު ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމުވެސް ސިފަކުރެއްވި ގޮތުގައި ޝައިޚަކީ މުރައްބީއެކެވެ. ހެޔޮ ނަސޭހަތްދެއްވުމާއެކު ދަރިވަރުންގެ ކަންކަން ކައިރިން ބެއްލެވި ބޭފުޅެކެވެ. އަދި ދީނީ ތަޢުލީމު އުނގެނުމަށް ބޭނުންވެފައި ތިބި ކުދިންނަށް ފުރުސަތު ހޯދައިދެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.