ENGLISH

01 ޖުލައި 2026

Advertisement

ވޯލްޑް ކަޕުން ކެޓުމާއެކު އެކުއަޑޯގެ ކޯޗުވެސް މަގާމުން ވަކިވެއްޖެ

01 ޖުލައި 2026

|

އިސްމާއިލް ޝާހު

އެކުއަޑޯގެ ކޯޗު ސެބަސްޓިއަން ބެކަޗޭސޭ --- ފޮޓޯ: އޭއެފްޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި މިއަދު ފަތިހު މެކްސިކޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން، އެކުއަޑޯގެ ކޯޗު ސެބަސްޓިއަން ބެކަޗޭސޭ މަގާމުން ވަކިވެއްޖެވެ. ކޯޗުކަމުން ވަކިވިކަން އިއުލާންކުރަމުން ބެކަޗޭސޭ ބުނި ގޮތުގައި މަގާމުގައި ދެމިހުންނަން ބޭނުންވި ނަމަވެސް، ވީ ވައުދުތައް ފުއްދައިދެވިފައި ނުވާތީ މަގާމުން ވަކިވާން ނިންމީ ކަމަށެވެ.

ޖަރުމަން އަތުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއާއެކު އައު އުއްމީދުތަކަކާ އެކު ދެވަނަ ބުރަށް އެކުއަޑޯ ދަތުރުކުރި ނަމަވެސް، މެކްސިކޯގެ ހަލުވި ކުޅުމާއި، ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި އެ ޓީމު ވަނީ ނާކާމިޔާބުވެފައެވެ.

މެކްސިކޯ ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗަށްފަހު ބެކަޗޭސޭ ބުނީ، ވޯލްޑް ކަޕާއެކު އޭނާގެ އެއްބަސްވުން ހަމަވެފައިވާ ކަމަށެވެ. "މިއީ އެކުއަޑޯގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ވޯލްޑް ކަޕަށް ހަދައިދޭނެ ކަމަށް އަހަރެމެންވީ ވައުދު ފުއްދައިދެވުނު ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެންކަމުން މިއަދަކީ އަހަރެން ވަކިވާންޖެހޭ ދުވަސް،" އޭނާ ބުންޏެވެ.

ބަކެޗޭސޭ އިތުރަށް ފާހަގަކުރި ގޮތުގައި، ކުޅުންތެރިންނާއި މެނޭޖުމަންޓުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ބަލާއިރު މަގާމުގައި ދެމިހުންނަން ބޭނުންވި ނަމަވެސް، ނަތީޖާ ނެރެދެވިފައި ނުވާތީ ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯއިން ދެއްކި ވަރުގަދަ ކުޅުމުގެ ކުރިމަތީގައި އެކުއަޑޯއަށް އުނދަގޫތަކެއް ކުރިމަތިވިކަމަށް އޭނާ އެއްބަސްވިއެވެ. "ފުރަތަމަ ހާފުގައި އެ މީހުންގެ ކުޅުން މާ ބޮޑަށްވެސް ރަނގަޅު،" އޭނާ ބުންޏެވެ.

ދެވަނަ ހާފުގައި އެކުއަޑޯގެ ކުޅުން ރަނގަޅުކޮށް، ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް، މެކްސިކޯގެ ދިފާއީ ރޭވުންތައް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ބެކަޗޭސޭ ބުނީ، މެޗުގެ ތެރެއަށް އެނބުރި އައުމަށް ވަރަށް ބޮޑަށް ހިތްވަރު ކުރި ނަމަވެސް، ލަނޑެއް ކާމިޔާބުނުކުރެވުމަކީ ކުރިއަށް ދިޔުމަށް އެޅުނު ހުރަހެއް ކަމަށެވެ.

މުބާރާތުން ވަކިވާން ޖެހުމުން ލިބުނު ހިތާމައާއެކުވެސް، އާޖެންޓީނާއަށް ނިސްބަތްވާ ބަކެޗޭސޭ ބޮޑަށް އަލިއަޅުވާލީ ކުޅުންތެރިންނާއި، އެ ޤައުމުގެ ރައްޔިތުންނާއެކު އުފެދުނު ގާތް ގުޅުމަށެވެ.

ނިންމާލަމުން ބެކަޗޭސޭ ބުނީ، އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، ރައްޔިތުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށެވެ. އަދި މެޗަށްފަހު ކުޅުންތެރިންނާއެކު ހޭދަކުރި ވަގުތުކޮޅަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ އުފާވެރި ހަނދާންތަކެއް ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު