ENGLISH

29 ޖޫން 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް އެއްވަރު

29 ޖޫން 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ އޮޑި ސްޕޯޓްސް އާއި، ނިއު ރޭޑިއަންޓުގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކެޔޮދޫ އާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއު ރޭޑިއަންޓުންނެވެ. މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އީތަން އިބްރާހިމް ޒަކީއެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްއިން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ހުސައިން ސުހާދު ސުހާނެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް އާއި ޓީސީ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު