ENGLISH
29 ޖޫން 2026
ދެކުނު ކޮރެއާގެ ރައީސްގެ ފާޑުކިޔުންތަކެއް އަމާޒުވުމާއެކު ކޯޗު އިސްތިއުފާދީފި
29 ޖޫން 2026
|
ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިޔުން ބޯ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 އިން ކަޓައި، އެ ޤައުމުގެ ރައީސް ލީ ޖައެ މިޔުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ދެކުނު ކޮރެއާގެ ޤައުމީ ޓީމުގެ ކޯޗު ހޮންގް މިޔުން ބޯ އިސްތިއުފާދީފިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާ މޮޅުވި ނަމަވެސް، ގްރޫޕް އޭގައި ދެން ކުޅުނު ދެ މެޗުން ދެކުނު އެފްރިކާ އަދި މެކްސިކޯ އަތުން ވަނީ ބަލިވެފައެވެ. މި އަހަރުގެ ވޯލްޑް ކަޕް ފުޅާކޮށްފައި އޮތުމުން، ގްރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދެވޭނެކަމުގެ އުއްމީދު ކޮރެއާއަށް އޮތެވެ. ނަމަވެސް ހޮނިހިރު ދުވަހު ކޮންގޯ އަތުން އުޒްބެކިސްތާން 3-1 ގެ ނަތީޖާއަކުން ބަލިވުމާއެކު އެ އުއްމީދު ވަނީ ފެނަށް ގޮސްފައެވެ.
މިރޭ މީޑިއާއާ ބައްދަލުކޮށް ހޮންގް ވަނީ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ، އޭނާ މަގާމުން ވަކިވިކަން ހާމަކޮށް ބަޔާނެއް އިއްވާފައެވެ.
ކޮރެއާގެ ކުރީގެ ކެޕްޓަން ބުނީ، "އެންމެ ފުރަތަމަވެސް އަޅުގަނޑު އިޚުލާސްތެރިކަމާއެކު މައާފަށް އެދެނީ ކޮރެއާގެ ފުޓްބޯޅައަށް ލޯބިކުރާ އަދި އަބަދުވެސް ޤައުމީ ޓީމަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކެއްގެ ކިބައިން. މިއަދު އަޅުގަނޑު މިވަނީ ކޮރެއާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިވާން ނިންމާފައި،" ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް އެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން އެއްވެސް އުޒުރެއް ނުދައްކައި، އޭނާއާ ހަވާލުކުރެވުނު މަސްއޫލިއްޔަތު އެންމެ ފަހު ވަގުތާ ހަމައަށް އަދާކުރުމަކީ ވާޖިބެއް ކަމަށް ދެކުނު ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ކުރީކޮޅު ޓީމު ކެޓުމާ ގުޅިގެން އެ ޤައުމުގެ ރައީސް ލީ ޖައެ މިޔުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށާއި، ޤައުމީ ޓީމު އެކުލަވާލާފައިވާ ގޮތާއި، ހިންގުމުގެ ނިޒާމުގެ އިތުރުން ކޯޗު އައްޔަންކުރި ގޮތާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކަންކަން ނިންމުމުގައި ގާބިލުކަމަށްވުރެ ބޮޑަށް ވަކި ފަރާތްތަކަކަށް ވަފާތެރިވުމާއި ގާތް ގުޅުންތަކަށް އިސްކަންދިނުމުގެ ނަތީޖާ މިއަދު ފެނިގެން ހިނގައްޖެ ކަމަށެވެ.
އުމުރުން 57 އަހަރުގެ ހޮންގް މިއީ ޤައުމީ ޓީމާ ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް އޭނާގެ އިރުޝާދުގެ ދަށުން ކޮރެއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
ދެކުނު ކޮރެއާއަކީ ޖެހިޖެހިގެން 11 ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ، އަދި 2002 ވަނަ އަހަރު ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ އޭޝިއާގެ ވަރުގަދަ ބާރެކެވެ.
މި ނާކާމިޔާބީއާ ގުޅިގެން ޤައުމީ ޓީމުގެ ކަންކަން މުރާޖާކުރުމަށް ދެކުނު ކޮރެއާގެ ރައީސް ވަނީ މިނިސްޓްރީ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމަށް އަންގަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކުޅިވަރުގެ އިދާރީ ނިޒާމު އިސްލާހު ކުރައްވާނެ ކަމަށްވެސް އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.