ENGLISH

29 ޖޫން 2026

Advertisement

ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗުގެ ޓިކެޓުގެ އަގު އިންތިހާއަށް އުފުލިއްޖެ

29 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމް --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ޓިކެޓުތަކުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

ކެނެޑާގެ ޓޮރޮންޓޯގައި އަންނަ ހަފުތާގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ޓިކެޓުގެ އަގުތައް މޮނިޓާކުރާ "ޓިކެޓްޑޭޓާ" އިން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އެންމެ އަގުހެޔޮ ޓިކެޓެއްގެ އެވްރެޖް އަގު ވަނީ 3،000 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

މަޔާމީގައި ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެން، ޕޯޗުގަލް ޓީމަށް ގްރޫޕް ކޭއިން ލިބުނީ ދެވަނައެވެ. އަނެއްކޮޅުން ކްރޮއޭޝިއާ ގްރޫޕް އެލްގެ ދެވަނަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގާނާ ބަލިކުރުމަށްފަހުއެވެ.

މި ނަތީޖާތަކާއެކު ޖުލައި މަހުގެ ދެވަނަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، މިއީ ރެއާލް މެޑްރިޑުގެ ކުރީގެ ދެ އެކުވެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗްގެ ކުރިމަތިލުމެއް ފެނިގެންދާނެ ފޯރިގަދަ މެޗަކަށް ވާނެއެވެ.

ޕޯޗުގަލާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ހުރި އަގުތަކާ އަޅާބަލާއިރު، މިހާރު ޓިކެޓުގެ އަގު ވަނީ ދެގުނައަށްވުރެ ބޮޑުވެފައެވެ. މިއީ ފީފާއިން މިއަހަރު ތަޢާރަފުކުރި "ޑައިނަމިކް ޕްރައިސިންގް" ނިޒާމުގެ ސަބަބުން އައި ބަދަލެކެވެ.

ފީފާއިން ވަނީ ޓިކެޓު ގަންނައިރު ހަމައެކަނި އެ އިދާރާގެ ރަސްމީ ރިސޭލް ޕްލެޓްފޯމް ބޭނުންކުރުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ. ފީފާއިން ބުނާގޮތުގައި ޓިކެޓުގެ ސައްހަކަން ކަށަވަރުކޮށްދެވޭނީ ހަމައެކަނި އެ މީހުންގެ ރަސްމީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދާ މުއާމަލާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު