ENGLISH
29 ޖޫން 2026
ކޮލަމްބިއާއަށް ގްރޫޕުގެ އެއްވަނަ، ދެވަނަ ހޯދި ޕޯޗުގަލް އާއެކު ކޮންގޯވެސް ދެވަނަ ބުރަށް
28 ޖޫން 2026
|
ވޯލްޑް ކަޕުގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭ ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން 0-0 އިން އެއްވަރުވުމުން ކޮލަމްބިއާ އަށް އެ ގްރޫޕުގެ އެއްވަނަ ލިބުނުއިރު، ދެވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް އަނެއް ބުރަށް ދަތރުކޮށް ފިއެވެ. މީގެއިތުރުން، އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 3-1 އިން މޮޅުވެ، ކޮންގޯ ވެސް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ މަގާމު ކޮލަމްބިއާ އަށް ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕޯޗުގަލް އަށް ފަސް ޕޮއިންޓް ލިބުނުއިރު، ހަތަރު ޕޮއިންޓާއެކު ތިންވަނައަށް ދިޔައީ ކޮންގޯ އެވެ. ފުލުގައި އޮތް އުޒްބެކިސްތާނުން ގްރޫޕް ސްޓޭޖު ނިންމާލީ ޕޮއިންޓެއްނުލިބި އެވެ.
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ގޯލަށް އަމާޒުކޮށް މުޅިއެކު 36 ހަމަލާ ފޮނުވާލައިފައިވެއެވެ. މީގެތެރެއިން، ގިނަ ބޯޅަތައް ފޮނުވާލީ ކޮލަމްބިއާ އިންނެވެ.
މެޗުގައި ކޮލަމްބިއާގެ ކީޕަރު، ކެމީލޯ ވާގަސް މޮޅު ސޭވްތަކެއް ކޮށްފައިވާއިރު، ކޮލަމްބިއާގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ބޯޅަތައް ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ސަލާމަތްކުރި އެވެ.
ވޯލްޑް ކަޕުގައި ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އިތުރުވަގުތުގެ ތެރޭގައި ކޮލަމްބިއާ އިން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ. އެއީ، އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރީން ކޮލަމްބިއާގެ ކެޕްޓަން، ޑެވިންސަން ސަންޗޭޒް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އުޒްބެކިސްތާން އަތުން ކޮންގޯ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް، ޔޮއާން ވިސާ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑުޖަހައިފައެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ވިއްސަކަށް ސިކުންތުގެ ތެރޭގައި އުޒްބެކިސްތާނުން ލީޑުނެގި އެވެ. އެހެންނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.
އޭގެފަހުން، މެޗުގެ 10 ވަނަ މިނެޓުގައި އުޒްބެކިސްތާނަށް ލީޑުނަގައިދިނީ ކެޕްޓަން، އެލްޑަން ޝޮމުރުޑޯވް އެވެ. މި ލަނޑުޖެހިތާ ހަތް މިނެޓުގެ ތެރޭގައި ކޮންގޯ އިން ވެސް ސްކޯ ކުރި އެވެ. އެހެންނަމަވެސް، ނަތޭނިއަލް އެމްބުކޫ މި ބޯޅަ ފޮނުވާލުމުގެކުރިން އެ ޓީމުގެ ކުޅުންތެރިއަކު ފައުލު ކުރިކަމަށް ނިންމައި، އެ ލަނޑު ގަބޫލުނުކުރިއެވެ.
ވޯލްޑް ކަޕުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކޮންގޯގެ ވިސާ ޕެނަލްޓީ ފޮނުވާލަނީ --- ފޮޓޯ: އޭޕީ
ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް އުޒްބެކިސްތާނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައިވާއިރު، ކޮންގޯ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްވީ މެޗުގެ 68 ވަނަ މިނެޓުގަ އެވެ. ކޮންގޯ އިން އެއްވަރުކުރި މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުން ވިސާ އެވެ.
އޭގެ ދިހަ މިނެޓުފަހުން، ކޮންގޯ އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގައިދިނީ ފިސްޓަން މަޔެލޭ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ވިސާ ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައިދީ ކޮންގޯ އަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.
މި މެޗުތަކަށްފަހު މި ގްރޫޕުގެ ތިން ޓީމު ވެސް ވަނީ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދާފައެވެ. ކޮލަމްބިއާ އާއި ޕޯޗުގަލް މި ގްރޫޕުގެ އެއްވަނަ އާއި ދެވަނަ މަގާމް ހާސިލްކުރިއިރު، ކޮންގޯ ވަނީ ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދީ 8 ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.
މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކޮލަމްބިއާ ނިކުންނާނީ ގާނާއާ ދެކޮޅަށެވެ. ކްރޮއޭޝިއާ އާ ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު، ކޮންގޯ ބައްދަލުކުރާނީ އިންގްލެންޑާ އެވެ.