ENGLISH
29 ޖޫން 2026
އުރުދުން ބަލިކޮށް އާޖެންޓީނާއަށް ފުރިހަމަ ރިކޯޑެއް، އޮސްޓްރިއާ އާއި އަލްޖީރިއާވެސް ދެވަނަ ބުރަށް
28 ޖޫން 2026
|
ވޯލްޑް ކަޕުގައި އުރުދުން ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާފާޅުކުރަނީ --- ފޮޓޯ: ފީފާ.ކޮމް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭ ގައި ކުޅުނު މެޗުގައި އުރުދުން 3-1 ގެ ނަތީޖާއަކުން ބަލިކޮށް އާޖެންޓީނާ ފުރިހަމަ ރެކޯޑާއެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، އޮސްޓްރިއާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވުމުން އެ ދެ ޓީމު ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އޮސްޓްރިއާ އާއި ތިންވަނައިގައި އުޅޭ އަލްޖީރިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރިއާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް އުރުދުން އަށް ޕޮއިންޓެއްނުލިބެ އެވެ.
މި ގްރޫޕުގެ އެއްވަަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ލިބިފައިވުމާއެކު އާޖެންޓީނާ އިން މި މެޗަށް ނިކުތީ އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ވެސް މި މެޗު ފެށީ ބެންޗުންނެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑުނަގައިދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. އޭނާ މި ލަނޑުޖަހައިދިނީ އޭރިއާ ބޭރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ.
އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާގެ ދެވަނަ ލަނޑުޖަހައިދިނީ އިންޓަ މިލާންގެ ފޯވާޑް، ލަޓާރޯ މާޓިނޭޒް އެވެ. މިއީ ޕެނަލްޓީއޭރިއާ ތެރެއިން އެ ޓީމުގެ ލެއަންޑްރޯ ޕަރެޑޭސް އަށް އުރުދުންގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާގެ ކެޕްޓަން މެސީ، އުރުދުންގެ ގޯލަށް ހިލޭޖެހުމަކުން ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަރސް
ދެވަނަ ހާފުގެ ކުރީކޮޅު، މާޓިނޭޒް ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އުރުދުންގެ މޫސާ އަލްތަމާރީ ވަނީ އެ ޓީމަށް ލަނޑެއްޖަހައިދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.
އުރުދުންގެ ގޯލަށްފަހު އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން، މެސީ އާއި އެލެކްސިސް މެކްއެލިސްޓާގެ އިތުރުން ތިއާގޯ އަލްމާޑާ ވަނީ ކުޅެން ނެރެފައެވެ.
މެޗުގައި އާޖެންޓިނާ އިން ޖެހި ތިންވަނަ ލަނޑު، 80 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މެސީ އެވެ. މި ގޯލާއެކު މެސީ ވަނީ މުބާރާތުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮންނަނީ ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖަހައިގެން ޖަސްޓް ފޮންޓެއިން އާއި ޖާޒީނިއޯ އަތުގައެވެ.
ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ކުރީން ލީޑުނެގީ އޮސްޓްރިއާ އިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ މާކޯ އަނައުޓޮވިޗް އެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، އަލްޖީރިއާ އަށް އެއްވަރުކޮށްދިނީ ރަފީކް ބެލްގާލީ އެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕް މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އޮސްޓްރިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ދެވަނަ ހާފުގެ ކުޅުން ފެށިތާ ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި، އޮސްޓްރިއާ އިން އަނެއްކާވެސް ލީޑު ނެގިއެވެ. މާސެލް ސަބިޓްޒާގެ މި ލަނޑުޖަހައިދިންއިރު، އޭގެ ފަސް މިނެޓުފަހުން، އަލްޖީރިއާ އަށް އަލުން އެއްވަރުކޮށްދިނީ ރިޔާދް މާރޭޒް އެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އަލްޖީރިއާ އަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑުނަގައިދިނީ ވެސް މާރޭޒް އެވެ. އެހެންނަމަވެސް، މި ލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް، އޭގެ ދެ މިނެޓުފަހުން، އޮސްޓްރިއާ އިން އެއްވަރުކުރީ ސާސާ ކަލަޖިޗްގެ ގޯލުންނެވެ.
މިއީ 1982 ވަނަ އަހަރުގެ ފަހުން، އޮސްޓްރިއާ އިން ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އަލްޖީރިއާ އިން ނޮކްއައުޓް ބުރުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެ ޓީމު ވަނީ 2014 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މުބާރާތުގައި މި ގްރޫޕުގެ އެއްވަނަ މަގާމް ހާސިލްކުރި އާޖެންޓީނާ ދެން ނިކުންނާނީ ކާބޯ ވާޑޭއާ ދެކޮޅަށެވެ. އޮސްޓްރިއާ އިން ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހޭއިރު، އަލްޖީރިއާ ބައްދަލުކުރާނީ ސްވިޒަލޭންޑާ އެވެ.