ENGLISH
27 ޖޫން 2026
ކޮލަމްބިއާ މެޗަށް މާކުރިއްސުރެ ތައްޔާރީތައް ފަށައިފީން: މާޓިނޭޒް
27 ޖޫން 2026
|
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު، މާޓިނޭޒް ވާހަކަ ދައްކަނީ. --ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފްލޮރިޑާއަށް ކުރިމަތިވި ތޫފާންތަކުގެ ސަބަބުން ތައްޔާރީތަކަށް ބުރޫއެރި ނަމަވެސް، ގްރޫޕް ކޭ ގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ޕޯޗުގަލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، މިދިޔަ މާރިޗް މަހުގެ ތެރޭގައި މިއާމީ ސްޓޭޑިއަމްގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
"މި މެޗުގެ ތައްޔާރީތައް މިދިޔަ މާރިޗް މަހުގަ އަހަރެމެން ފަށައިފިން. މި ތަނުގެ މޫސުމަށް ހޭނުމަށް މިހާތަނަށް 13 ޓްރެއިނިންގ ސެޝަން ކުރިއަށްގެންގޮސްފިން،" މާޓިނޭޒް ބުންޏެވެ.
އެންމެ ކުރިއްސުރެ ވެސް ރޭވިފައި އޮތީ މިއާމީގައި ތިބެގެން ކޮލަމްބިއާ މެޗަށް ތައްޔާރުވުމަށް ކަމަށް މާޓިނޭޒް ބުންޏެވެ.
ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެހެންނަމަވެސް، މުބާރާތުގައި ފުރަތަމަ ފަހަރަށް އަވޭ މެޗެއް ކުޅޭކަމުގެ އިހުސާސްތައް ކުރަން ޖެހޭނެ ކަމަށް މާޓިނޭޒް ވަނީ، މިއާމީގެ ސަރަހައްދުން ގިނަ އަދަދެއްގެ ކޮލަމްބިއާ ސަޕޯޓަރުން ބޮޑުއަގުގައި ޓިކެޓް ގަނެގެން މެޗު ބެލުމަށް ހާޒިރުވާނެކަން ފާހަގަކޮށްފަ އެވެ.
ކޮލަމްބިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗަށް ހާޒިރުވާ ސަޕޯޓަރުންގެ ވާހަކަތަކަށް އިޝާރާތްކޮށް މާޓިނޭޒް ބުނީ، މި ފޯރިގަދަ މެޗު ބެލުމަށްޓަކައި އޮތް ޑިމާންޑްގެ ސަބަބުން އާއިލާގެ މެންބަރުންނަށް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ޓިކެޓް ނަގަން ޖެހޭނެ ކަމަށެވެ.
މުބާރާތެއް ކާމިޔާބުކުރަން ބޭނުންކަމަށްވާ ނަމަ ހުރިހާ މެޗަކުން މޮޅުވުމަށް އަމާޒު ހިފަންޖެހޭނެ ކަމަށާއި، ކުޅެން ޖެހޭ ޓީމާ މެދު ވިސްނުމުގެ ބަދަލުގައި އެ ޓީމަކަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން ކުޅުމަށް ސަމާލުވާން ޖެހޭނެ ކަމަށް މާޓިނޭޒް ބުންޏެވެ.
"ވޯލްޑް ކަޕް ކާމިޔާބުކުރެވޭނީ ހުރިހާ ޓީމެއް ބަލިކޮށްގެން." މާޓިނޭޒް ބުންޏެވެ.
ކޮލަމްބިއާގެ ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވަނީ. --ފޮޓޯ: ރޮއިޓާސް
މާޓިނޭޒް ބުނީ، ނެސްޓޯ ލޮރެންޒޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކޮލަމްބިއާ ޓީމުގެ ކިބައިން ޓެކްޓިކަލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމަށެވެ.
"އެ ޓީމުގައި (ކެޕްޓަން) ހަމޭސް ރޮޑްރިގޭޒް، ލުއިސް ސުއަރޭޒް އަދި ލުއިސް ޑިއާޒް ފަދަ ކުޅުންތެރިން އެބަތިބި. އެއި ޓްރާންސިޝަންތަކަށް ވަރަށް އެކަށޭނަ، ހަލުއި ކުޅުންތެރިން." މާޓިނޭޒް ބުންޏެވެ.
މާޓިނޭޒްގެ ވާހަކަ ނިންމާލަމުން ބުނީ، ކޮލަމްބިއާ އަކީ ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކުރާ ޓެކްޓިކަލީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް ކަމަށެވެ. އެ ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، އެއިން ކޮންމެ ކުޅުންތެރިއަކީ ވެސް ގައުމީ ޓީމަށް ހާއްސަ ލޯތްބެއް އޮންނަ ކުޅުންތެރިއެއް ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.