ENGLISH
27 ޖޫން 2026
ދުންފަތުން ގައުމު ސަލާމަތްކުރުމުގައި އެންމެން އެއްބާރުލުން ދެއްވުމަށް ފަސްޓް ލޭޑީ އެދިވަޑައިގެންފި
27 ޖޫން 2026
|
މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެންމެން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މ. މުލަކުގައި މިއަދު އޮތް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ވާހަަކަފުޅުގައި ވިދާޅުވީ ދުންފަތުގެ ވިޔަފާރި ކުރުމަށް އެކި ދުވަސްވަރު އެކި މީހުން އުކުޅުތައް ބޭނުންކުރަމުންދާ ކަމަށެވެ. ހަތްދިހައިގެ އަހަރުތަކުގައި ފިލްމީ ތަރިން ޕްރޮމޯޓް ކުރުމުގައިވެސް އިސްތިހާރުތަކުގައި އެފަދަ އުކުޅުތައް ބޭނުންކުރި ކަމަށާއި، އޭގެ ސަބަބުން ބައެއް މީހުން ދުންފަތަށް ހުށަހެޅުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު އެފަދަ ގޮތްގޮތަށް ދުންފަތް އިސްތިހާރުކުރުން މަނާވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުންފަތް އިސްތިހާރުކުރުން މަނާވިޔަސް، މިހާރުވެސް ސިއްރުން އެފަދަ ކަންކަން ކުރާކަމަށާއި، މީގެ ސަބަބުން މުޖުތަމަޢު ނުރައްކަލަށް ހުށަހެޅޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ނަމަވެސް މިހާރުވެސް ޝައުގުވެރި އަދި ސިއްރު އެތައް ގޮތްތަކެއް އެބަ ބޭނުންކުރޭ. އަދި ވަރަށް ތުއްތު ކުދިން މި ނުރައްކާތެރި ދަލުގައި އެބަ ޖައްސާ. އެކަން ދުންފަތުގެ ތާސީރަށްވުރެ ނުބައި އެހެން ޢަމަލުތަކަށް ނުވަތަ ތިލަކޮށް ދަންނަވަންޏާ މަސްތުވާތަކެއްޗާ ހަމައަށް އެބަ ދުނިޔޭގައި ހިންގާ. ވޭޕަކީ އެފަދަ ވަސީލަތެއް" ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން މި ފަހުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް އެކަމަނާ ހިއްސާކުރެއްވިއެވެ. މިގޮތުން، ވޭޕް މަނާކުރުމާއި، ޖެނެރޭޝަން ބޭން ރަސްމީކޮށްފައި އޮތުމާއި ދުންފަތާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭންގެ ސަބަބުންވެސް ނަތީޖާ ފެނިގެންދާނެކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ހިމެނޭހެން، ޚާއްޞަކޮށް ވިޔަފާރިވެރިން އިސްނެންގެވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
"ވީމާ މި ބޮޑު ޤައުމީ މައްސަލައިގައި އަޅުގަނޑުމެން އެންމެން އަތުގުޅާލަމާތޯ. ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރަންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން. ޞިއްޙަތަށް ގެއްލުމެއް ލިބޭ އެއްވެސް ކަމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ރުހޭނެ ޤަބޫލުކުރާނެ ކަމެއް ނޫން. އެހެންވީމާ ދުންފަތާ މެދު ހޭލުންތެރިވެ އަމިއްލަ ނަފްސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުންވެސް އާ އަޒުމަކާއެކު ފަށަމާތޯ" މުލަކުގައި އޮތް ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މުލަކު ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ވަނަތަކަށް ވަނީ އިނާމުދީފައެވެ. އަދި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ދެއްވާ "ހެލްތު މިނިސްޓަރޒް އެވޯޑް ފޯރ ޓޮބޭކޯ ކޮންޓްރޯލް އެކްސެލެންސް" ލިބޭ ފަރާތްތައް އިޢުލާނުކޮށްފައިވެއެވެ.
މިއަދުގެ ރަސްމީ ޖަލްސާގައި ވަނީ ދުންފަތާ ދެކޮޅަށް ހިންގާ ޤައުމީ ކެމްޕޭނުގެ ރަސްމީ ލޯގޯ ވެސް އިފްތިތާޙްކޮށްދެއްވައިފައެވެ. މި ލޯގޯ އިފްތިތާޙްކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުއެވެ. އަދި ލައިވް ކެންވަސް ކުލަޖެއްސުމުގެ ހަރަކާތުގައި އެކަމަނާ ބައިވެރިވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ މަންދޫބު މިޒް ޕޭޑެން ބައިވެރިވެވަޑައިގެންނެވިއެވެ.