ENGLISH
26 ޖޫން 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް
26 ޖޫން 2026
|
ވީއައިއޭ.
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދުގެ ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
"ހާބަރ ޕޯޓަލް"ގެ ނަމުގައި ތައާރަފުކުރެވޭ މި ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާގުލޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުންކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ ސަބަބުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.
ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން "ހާބަރ ޕޯޓަލް" ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއިން ހަމަޖައްސާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން އުޅަނދުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ހާބަރ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ. އަދި ފަހު މަރުހަލާގައި 'ހާބަރ ޕޯޓަލް' ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަމަށް ކުންފުނިން ބުންޏެވެ.