ENGLISH
26 ޖޫން 2026
ރައީސް ދެއްވި ޔަޤީންކަން: ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް
25 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --
އެންމެ މަޤްބޫލު
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށާ، ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެ ވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު ކުރިއަށް ދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.
ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޟަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވި އެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ވެރިރަށް، މާލޭ ސިޓީގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގަ އެވެ. އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގގެ މައްސަލައަށް ހައްލު ގެނައުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަމިއާއެކު، ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލު އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތްތަނުގައި، މިހާރަށްވުރެ ވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެކަމުގައި ވިދާޅުވެފަ އެވެ.
އެގޮތުން، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ މިރޭގެ ޕޮޑްކާސްޓްގައި ހާމަކުރައްވާފަ އެވެ.