ENGLISH

26 ޖޫން 2026

Advertisement

ފުނަދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

25 ޖޫން 2026

|

އަޙުމަދު ޙަމީދު

ފުނަދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން --

ށ. ފުނަދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، ސޯޝަލް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީނެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ އާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަޝްރޫޢުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ށ. ފުނަދޫގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރެވިފައިވާއިރު، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން، ކ. ތުލުސްދޫގައި ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމް.ޓީ.ސީ.ސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެ އެވެ.

ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު