ENGLISH
25 ޖޫން 2026
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި
25 ޖޫން 2026
|
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުން --
އެންމެ މަޤްބޫލު
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި އެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮޮލިސް ފަރުހާދު ފިކުރީ އާއި މި ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވި އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، ފުލުހުންގެ ހިދުމަތުގެ ދިގު މާޒީގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
އަދި ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ. އޭގެ އިތުރުން، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމާއި، އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
އޭގެތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނާއި، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހުންނެވެ.