ENGLISH

20 ޖޫން 2026

Advertisement

ދަތުރުފަތުރުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަަށް 2028 ގެ ކުރިން ހައްލު ލިބޭނެ: ސައީދު

20 ޖޫން 2026

|

އައިމިނަތު ޝަފާ

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ލިމާލޭގައި 'މާލެ ޓެކްސީ ލައިން'ގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ ދަތުރުފަތުރުގެ މައްސަލަތައް ދެނެގަތުމަށް ކަމާގުޅުންހުރި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުފުޅުގެ ދަށުން ކަމަށެވެ. މިގޮތުން ހައްލުކުރަން އިސްކަންދޭ ކަންކަމުގެ ތެރޭގައި ޕާކިންގެ ދަތިކަމާއި، ވެހިކަލް ރަޖިސްޓްރޭޝަންގެ ގޮންޖެހުންތަކުގެ އިތުރުން ޓްރެފިކް ތޮއްޖެހުން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

"އެ މަސައްކަތްތައް މިދަނީ ކުރަމުން، ވަރަށް އަވަހަށް މި ޕްލޭންގެ ތަސައްވުރު ހާމަކުރާނަން، އަދި މިއާއެކުގައި މާލޭގެ މަގުހެދުމުގެ މަސައްކަތް ޒަމާނީ ފެންވަރަކަށް އެދަނީ ކުރެވެމުން، މާލޭގެ ވަށާމަގު ނުވަތަ ބޭރު މަގު އެ އޮތީ އެމްޕީއެލްއާ ހަމައަށް ހަދާ ނިމިފައި، މިހާރު ފެރީޓާމިނަލްއާ ހަމައަށް މަގު ފުޅާ ކުރުމުގެ މަސައްކަތް އެދަނީ ކުރަމުން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ޗައިނާ ސަރުކާރާއެކު މަސައްކަތް ކުރަމުން މިދަނީ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތްތައް ނިމިގެންދާއިރު ދަތުރުފަތުރުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ކުރަންޖެހޭ ސާވޭތައް މި މަހުގެ ކުރީކޮޅު ފަށައިގެން ދަނީ ކުރިއަށެވެ. 

މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިއުލާނުކުރެއްވިއެވެ. ޗައިނާއަށް 2023 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ރައީސް ކުރިން ވިދާޅުވިއެވެ.

އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއެކު ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދުފަހަރަށް ފަސޭހަ، ރައްކާތެރި ޒަމާނީ މަގުތަކަކަށް މާލޭގެ މަގުތައް ބަދަލުކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު