ENGLISH
20 ޖޫން 2026
މޫސުމީ ބަދަލުތަކުގެ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ އެތެރެކުރަން ރާއްޖެއިން ގޮވާލައިފި
20 ޖޫން 2026
|
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދު ރާއްޖޭގެ ބަޔާން އިއްވަވަނީ
އެންމެ މަޤްބޫލު
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުުތަމައަށް ގޮވާލައިފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން، އދ.އަށް ކަނޑައަޅާފައި ހުންނާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދުވަނީ ހުރިހާ ގައުމަކުން "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" ބަލައިގަތުމަށް އެދިވަޑައިގެންފައެވެ.
"މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް"އަކީ އިޖުތިމާއީ ތިމާވެށި އަދި އިގުތިސާދީ ގޮތުން ގައުމުތަކަށް ކުރިމަތިވާ ނާޒުކުކަން ވަޒަންކޮށް އެކަންކަމުން އަރައިގަތުމުގައި ގައުމުތަކުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށް އދ.އިން އެކުލަވައިލާފައިވާ މިންގަނޑެކެވެ. މި މިންގަނޑު އެކުލަވައިލުމުގެ މަގުސަދަކީ ގައުމެއްގެ އިގުތިސާދީ އުފެއްދުންތެރިކަމަށް އެކަނި ބިނާކޮށް ގައުމުތަކަށް އެހީތެރިވާންވީ މިންވަރު ކަނޑައެޅުމުގެ ބަދަލުގައި އެއަށްވުރެ ފުޅާ ވިސްނުމެއްގެ ތެރެއިން ގައުމުތަކަށް އެހީތެރިކަން ދޭންވީ މިންވަރު ކަނޑައެޅުމެވެ.
ސަލްމާގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، އެބަދަލުތަކުގެ ސަބަބުން ގައުމުތަކަަށް ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް، އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް އެހީތެރިވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް "ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ފަންޑުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ގޮވައިލެއްވިއެވެ.
ސަލްމާވަނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނެވި މަސްވެރިކަމުގެ ލާމަަސީލު ނަމޫނާއެއްކަން ފާހަގަކުރައްވައި، ރަށްފުށުގައި ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރައްޔިތުންގެ ދިރިއުޅުން އެމައްޗަށް ބިނާވާ، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އަދި މޫސުމީ ބަދަލުތަކާ އެކަމުން ފެންމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ގައުމުތަކުގެ ރައްޔިތުން އަމިއްލައަށް އީޖާދުކުރާ ހައްލުތައް ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ސަލްމާ ވިދާޅުވީ މި ދާއިރާއިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ސަގާފަތްތައް ދައްކުވައިދިނުމަށް ބޭއްވި ހަރަކާތެއްގައި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ބައިވެރިވެ، ދިވެހި އަދަބިއްޔާތާއި ސަގާފީ ތަރިކައާއި، މަސައްކަތްތެރިކަމާއި، ދިވެހި ކާނާ އެ ހަރަަކާތުގެ ބައިވެރިންނާ ހިއްސާކުރިއެވެ. އަދި ދިވެހިންގެ އާދަކާދައާއި ސަގާފަތާއި ދިވެހިވަންތަކަމާ ގުޅޭ މައުލޫމާތުތައް އެ ހަރަކާތުގެ ބައިވެރިންނަށް ފޯރުކޮށްދިނެވެ.