ENGLISH
20 ޖޫން 2026
ރަށްރަށުގައި ގެދޮރު ބިނާކުރުމުގެ ބޮޑު މަޝްރޫއެއް؛ ދެ މޮޑެލެއެއް ތައާރަފުކުރާނެ
20 ޖޫން 2026
|
ތިނަދޫ ސިޓީގައި ގާއިމުކުރަމުންދާ ހައުސިން ޔުނިޓުތަކެއް، ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ރަށްފުށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ މޮޑެލްއަކަށް ގެދޮރު ބިނާކުރުމުގެ މަޝްރޫއެއް ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެވުޒާރާގެ ސްޓޭޓު މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ މާލެއިން ބޭރުގައި ރަށްރަށުގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ ގެދޮރު ބިނާކުރުމުގެ އިތުރު މަޝްރޫއުތަކެއް ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއުތައް ރޭވިފައިވާ ގޮތުގެ އިތުރު ތަފުސީލު ހާމަކުރައްވަމުން ނާޒިމު ވިދާޅުވީ ދެ މޮޑެލްއަކަށް ނުވަތަަ ދެ އުސޫލަކަަށް ހިންގާ މި މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ މޮޑެލްއަކީ އަތް ފޯރާ ފަށުގައި ގެދޮރު ގަންނަން ލިބޭ ގޮތަށް ގެދޮރު ބިނާކުރުމުގެ މަޝްރޫއެއް ކަމަށެވެ.
ދެވަނަަ މޮޑެލްއަކީ މާލީ އެކި މުއައްސަސާތަކުގެ ތެރެއިން އަމިއްލަ ގެދޮރު އެޅުމަށް ފައިނޭންސް ލިބޭނެ ގޮތަށް، ގޯތީގައި ގެދޮރު ބިނާކުރުމަށް އެހީވެދޭ މަޝްރޫއެކެވެ. މި ދެ މޮޑެލްއާއެކު ރަށްރަށުގައި ދރިއުޅޭ ރައްޔިތުންނަށް އެމީހަކު ބޭނުންވާ ފެންވަރެއްގެ ގެދޮރަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
"މިދެމަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކަކީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެމަޝްރޫޢު އަޅުގަނޑުމެނަށް އިފްތިތާޙްކުރެވިގެންދާނެ." ނާޒިމު ވިދާޅުވިއެވެ.
މިފަދަ މަޝްރޫއުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މި ދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ގެދޮރު ލިބިގެންދާނެ ކަމުގައި ނާޒިމު ވިދާޅުވިއެވެ. އަދި މި ހައުސިން މަޝްރޫއުތަކުގެ ތެރެއިން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރާ ސަރަހައްދުގައި އާއިލާއާއެކު ދިރިއުޅުމަށް މަގުފަހިވާނެ ކަމަަށްވެސް ވިދާޅުވިއެވެ.
ރަށްރަށުގައި ގެދޮރު ބިނާކޮށް ގެދޮރުވެރިކަަން ފޯރުކޮށްދިނުމަކީ މާލޭ ސަރަހައްދަށް ބަރޯސާވާ މިންވަރު ކުޑަކޮށް މި ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް މަގުފަހިވާނެކަމެއްކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އާބަން މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ހިޖުރަކުރުމުގެ ފުރުސަތުވެސް މި މަޝްރޫއުތަކުގެ ތެރެެއިން ފަހިކުރެވިގެންދާނެ ކަމަށެވެ.