ENGLISH
20 ޖޫން 2026
ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި ގެންނަ ބަދަލުތައް ރަނގަޅުކުރާނަން: ކޯޗު ކޫމަން
20 ޖޫން 2026
|
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެދަލެންޑްސްގެ ކޯޗު، ކޫމަން ވާހަކަ ދައްކަނީ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގެ ބެންޗުން ކުޅެން އަރުވައި ކުޅުންތެރިން ބޭނުންކުރުމުގައި ކުރިއަށްވުރެ ސަމާލުވެ، ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ދީފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ، ޖަޕާނާ ދެކޮޅަށް ނިކުތް މުބާރާތުގެ ފުރަތަމަ މެޗުގައި އޭނާ ގެނައި ބަދަލުތަކުން އުންމީދުކުރި ފަދަ ނަތީޖާއެއް ނުފެނުނު ކަމަށެވެ.
ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެފަހަރު މަތީން ނެދަލެންޑްސް ލީޑުނެގިނަމަވެސް، އެ މެޗު ކާމިޔާބުކުރެވޭގޮތް ނުވުމުން އެ ޓީމަށް މުބާރާތުގައި މޮޅެއް ހޯދަން އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެ މެޗު ނިމެންދަނިކޮށް، ޖަޕާނުން ލަނޑު ޖަހާފައިވަނީ، ކޫމަން ޓީމުގެ ކުޅުން ޑިފެންސިވް ސެޓަޕަކަށް ބަދަލުކުރި ފަހުން ކަމަށްވާތީ، އެ ނިންމުމާ މެދު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
އޭޝިއާގެ ގަދަބާރު ޖަޕާނާ ދެކޮޅަށް 2-2 އިން އެއްވަރުވި އެ މެޗުގެ ފުރިހަމަ ޒިންމާ ކޫމަން ނަގާފައިވާއިރު، އޭނާ ބޭނުންވީ ކުޅުންތެރިން ކުރިއަށް އަރައި ޕްރެސްކޮށްގެން ކުޅުމަށް ކަމަށާއި، ނަމަވެސް އެކަން އެންމެ އެދެވޭ ގޮތެއްގައި ނުކުރެވުނު ކަމަށް ކޫމަން ބުންޏެވެ.
"އެންމެ ފުރަތަމަ ކަމަކަށް، ބަދަލު ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުވަތަ އެމީހުންގެ އިމްޕެކްޓް ރަނގަޅެއް ވެސް ނޫން، ޕޮޒިޓިވްކަމެއް ވެސް ފެނިފައެއްނުވޭ. އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އަހަރެންނަށް އަމާޒުވާ ފާޑުކިޔުންތައް ބަލައިގަންނަން، އެއީ މައްސަލައެއް ނޫން،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ، އެ މެޗުގެ ނިންމުންތައް ނިންމީ އޭނާގެ ކޯޗިންގ ޓީމާ ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި، އޭނާ ބަދަލުކުރަން ބޭނުންވި ކަންކަން ވެސް ސާފުކޮށްދީފައިވާނެ ކަމަށް ކޫމަން ބުންޏެވެ.
"ޓީމުގެ އެންމެ ކުރީން އެއަށްވުރެ ރަނގަޅަށް އަހަރެމެންނަށް ޕްރެސް ކުރެވެން ވާނެ، އެކަމަކު އެކަން ކުރެވޭ ގޮތެއް ނުވި. އެ މެސެޖު ކުޅުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވޭ." ކޫމަން ބުންޏެވެ.
މީގެއިތުރުން، ކޫމަން ވަނީ ސްވިޑެންގެ ފޯވާޑްލައިންގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ވިކްޓަ ޔޯކެރޭޝް އާއި އަލެކްސެންޑާ އިސާކްއާ މެދު ސަމާލުވުމަށް ނެދަލެންޑްސްގެ ޑިފެންޑަރުންނަށް އިރުޝާދު ދީފައެވެ. އޭނާ ބުނީ، ސްވިޑެންގެ ކުޅުންތެރިންނަކީ ވަރުގަދަ އަށް ކުޅޭ، ހަލުއި އަދި ގޯލު ކުރިމަތީގައި ތޫނުފިލި ކުޅުންތެރިން ކަމަށެވެ. އެހެންކަމުން، ހަމައެކަނި ވަކި ވަކި ކުޅުންތެރިންތަކަކަށްވުރެ ބޮޑަށް، މުޅި ސްވިޑެން ޓީމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ކޫމަން ފާހަގަކުރިއެވެ.
ސްވިޑެންއާ ދެކޮޅަށް ކުޅޭ މި މުހިއްމު މެޗުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު، ކުއެންޓެން ޓިމްބާ އަށް ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ނުކުޅެވޭއިރު އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެފައިވާކަމަށް ކޫމަން ބުންޏެވެ.
ކޫމަންގެ ވާހަކަ ނިންމާލަމުން ވަނީ، ނެދަލެންޑްސް ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ފޯވާޑް، މެމްފިސް ޑިޕާއީގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ކޫމަން ބުނީ، ޑިޕާއީ އަކީ މިހާރުވެސް ނެދަލެންޑްސް ޓީމުގައި ތަފާތު ދެއްކޭނެ ކުޅުންތެރިއެއް ކަމަށާއި، ބޭނުންވާ ދަނޑިވަޅުތަކުގައި ދަނޑުމަތިން އޭނާ ފެންނާނެ ކަމަށެވެ.
މުބާރާތުގައި ސްވިޑެންއާ ދެކޮޅަށް ނެދަލެންޑްސް ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 10 ޖަހާއިރު އެވެ.