ENGLISH
20 ޖޫން 2026
ކުންފުނިތަކަށް ބަދަލު ގެންނަނީ އޭގެ ސަބަބުން އިގްތިސާދަށް ހެޔޮ އަސަރު ކުރާނެކަމަށް ގަބޫލުކުރާތީ: ރައީސް
20 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރު ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އޭގެ ސަބަބުން އިގްތިސާދަށް ހެޔޮ އަސަރު ކުރާނެކަމަށް ގަބޫލުކުރައްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގެ މިހަފުތާގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރަސްމީ ސާވޭއެއް ކޮށްފައިނުވިނަމަވެސް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްވެރިންގެ އަދަދު މަދުވެއްޖެކަމަށް ސަރުކާރަށް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. މަސްވެރިކަން ހުއްޓާލައި އެހެން ކަންކަމަަށް ބަދަލުވީ ކިހާ މީހުންނެއްތޯ ބަލަން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ސާވޭއެއް ކުރިއަށްގެންދަން ނިންމަވާފަައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.
މަސްވެރިންގެ އަދަދު މަދުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދިން އިރު، އޭގެ ތެެރޭގައި މަަސްވެރިން ވެސް ގިނަ އަދަަދަކަށް ހިމެނުމުންނެވެ. އެރު އެންމެ ގިނަ ބަޔަކަށް ވަޒީފާ ދީފައިވަނީ ފެނަކައިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކަރުން މަސައްކަތްކުރަމުންދަނީ އެކަން ރަނގަޅުކުރަން ކަމަށެވެ.
އެގޮތުން ސަރުކާރު ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމުގައި ފެނަކައަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެންމެ އެދެވޭ ސައިޒަށް ކުޑަކުރުމުގެ މަސައްކަތް މިކުރަނީ ހަމަ ހަގީގަތުގައިވެސް އެކަމުގެ ސަބަބުން އިގްތިސާދަށް ހެޔޮ އަސަރު ކުރާނެކަމަށް ގަބޫލުކުރާތީ، އޭރުން ހަމަ މަސްވެރިކަމުގެ ސިނާއަތަށް ވެސް ޒުވާނުން އިތުރުވާނެ، އެހެން ޕްރައިވެޓް ސެކްޓާތަކުގައި މަސައްކަތް ކުރާނެ ޒުވާނުންވެސް އިތުރުވެގެންދާނެ، ސަރުކާރުގެ އެސްއޯއީތަކުގެ ތެރޭގައި ޒުވާނުންނާއި ހުރިހާ ރައްޔިތުން ވަޒީފާ ދީފައި ހިފަހައްޓާފައި ހުރުމުގެ ސަބަބުން އަސްލު އިގުތިސާދު ފުޅަލެއް ނުވޭ. އޭގެ ސަަބަބުން އުފެއްދުންތެރިކަން އިތުރެއް ނުވޭ،". ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ހޯދައި މިކަން ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނީ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތެއްގެ ތެރެއިން ކަމަށާއި މިކަމުގެ ސަބަބުން މަސްވެރިކަމާއި އެހެން ދާއިރާތައް ރަނގަޅުވެ އިގްތިސދު ހަރުދަނާވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.