ENGLISH
17 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
17 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު އޮތް މި ރަސްމިއްޔާތުގައި "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މުބާރާތުގެ އޮފިޝަލް ބޯޅައިގައި ސޮއިކުރައްވާފަ އެވެ. އެއަށްފަހު އެކަމަނާ ވަނީ، މުބާރާތް ހުޅުވުމުގެ މެޗުގައި ވާދަކުރި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަލާމް ކުރައްވާފަ އެވެ.
"ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
މުބާރާތް ހުޅުވުމަށް ކުޅުނު މެޗުގައި ވާދަކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރުގެ ކުޅުން ފެނިގެން ދިޔަ މި މެޗު، 23 ޕޮއިންޓް 3 ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ.
މެޗުގެ ކުޅުން ނިމުމުން، "ކުއީން އޮފް ދަ މެޗް" ގެ މަގާމަށް ހޮވުނު، ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތެކެވެ.
މީގެކުރިން، މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓްގެ ނަމުގައެވެ. "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026"ގެ ނަމުގައި މިއަދު ފެށި މި މުބާރާތުގައި 2 އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެގޮތުން، 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު، އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރެއެވެ.