ENGLISH
17 ޖޫން 2026
ގައްދޫ ކޮޅަށް ހަ ލަނޑު ޖަހައި ބިސް ބުރު އެއްވަނައަށް
17 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ބިސް ބުރާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ގދ. ގައްދޫ ތަފާތު ބޮޑުކޮށް ބަލިކޮށް، ތާވަލުގެ އެއްވަނަ މަގާމަށް ބިސް ބުރު ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބިސް ބުރުން ކާމިޔާބުކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި ބިސް ބުރުުގެ މުޙައްމަދު ނަޝީދު ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމު އަނެއް ދެ ލަނޑު މި މެޗުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެެރިން ކަމަށްވާ އާމިރު ޝޮއެއިބް އެލްޞާދިގު މުޙައްމަދާއި، މަޙްމޫދު އަޝްރަފް މަޙްމޫދު މުސްޠަފާއެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ބިސް ބުރު ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓީސީއަށްވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ދިއްދުއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ގައްދުއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ހުރާ އާއި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ތިން މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.
ކޮލިފައިންގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދިއްދޫ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ހުރާ އާއި ބިސް ބުރެވެ.