ENGLISH
13 ޖޫން 2026
މާފަރަށް އިއްޔެ ވެހުނު ބޯވާރެއާއެކު 10 ގެއަކަށް ފެން ވަދެއްޖެ
13 ޖޫން 2026
|
މާފަރުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރަނީ.
އެންމެ މަޤްބޫލު
އިއްޔެ މެންދުރުފަހުގެ ވަގުތަކުން ފެށިގެން އިރުއޮއްސެންދެން ނ. މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 10 ގެއަކަށް ފެން ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަބްދުލްޣަނީ ވިދާޅުވީ އިއްޔެ މާފަރަށް ކުރި ވިއްސާރައިގައި އާދަޔާ ހިލާފަށް ފެންބޮޑުވާކަން ފާހަގަވުމުން، ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި ގޭގެއާއި އިމާރާތްތަކަަށް ފެންވަނުން ހައްލުކުރުމަށް ޓަކައި ވެލިބަސްތާ ޖެހުމާއި ކޯރުކެނޑުމުގައި ސިފައިން އިއްޔެ ހަވީރު 15:35އިން ފެށިގެން ރޭ ދަންވަރު 00:15 އާ ހަމަޔަށް ހަރަކާތްތެރިވެފައިވާކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން އެ ރަށުގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ގޯނި ވަނީ ޖަހާފައެވެ.
މި ހާދިސާގައި ޖުމްލަ 10 ގެއަކަށް ފެންވަދެފައިވާކަމަށް މާފަރު ކައުންސިލުގެ ރައީސް މައުލޫމާތުދެއްވިއެވެ. ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކޮށްފައެއް ނުވެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ވިއްސާރަކޮށްފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ވެސް ރާއްޖޭގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެކަމަށެވެ.