ENGLISH
12 ޖޫން 2026
ހާރިޖީ ވަޒީރު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއި ބައްދަލުކުރައްވައިފި
12 ޖޫން 2026
|
އެންމެ މަޤްބޫލު
ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގް ޔޫބޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އެ ކަމަނާއަށް ދެއްވި ދައުވަތަށް މިނިސްޓަރަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން މި ދަތުރުފުޅަކީ ހާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަމަނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔުނާން ޕްރޮވިންސުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގް ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި ޔުނާން ޕްރޮވިންސް އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫގް އަދި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.