ENGLISH

12 ޖޫން 2026

Advertisement

ސުލްހައިގެ ވާހަކަތަކަށް އަދި ވަކި ގޮތެއް ނުނިމޭ: އީރާން

12 ޖޫން 2026

|

އައިމިނަތު ޝަފާ

އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ރައްދު ދެއްވައިފިއެވެ. 

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާ އެކު ހަދާ އެއްބަސްވުމުގެ މުހިންމު ބައިތަކެއް ނިމުމަކާ ގާތްވެފައިވާކަމަށް ބަގާއީ ވިދާޅުވިއެވެ. އަދި މިހާރު އޭގެން ބައެއް މާއްދާތައް އިރާނުގެ މެހްރް ނިއުސް އޭޖެންސީންވެސް ވަނީ އާއްމުކޮށްފައެވެ. 

ބަގާއީ ވިދާޅުވީ އެއްބަސްވުމާ ގާތްވި ނަމަވެސް އެމެރިކާގެ ދެފުށްދެގޮތް ސިޔާސަތުތަކުގެ ސަބަބުން މަޝްވަރާގެ މަރުހަލާއަށް ހުރަސް އެޅެމުންދާ ކަމަށެވެ.

އީރާނުން ހުށަހެޅި 14 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމަށް ބަދަލު ގެނައުމަށް އެމެރިކާއިން ދާދި ފަހުންވެސް މަސައްކަތް ކޮށްފައިވާކަމަށް މެހްރް ނިއުސް އޭޖެންސީން ހާމަކުރެއެވެ. ނަމަވެސް އީރާނުން އެ ބަދަލުތަކަށް އިންކާރު ކުރުމުން، ގަތަރު މެދުވެރިކޮށް އެމެރިކާއިން މިހާރު ވަނީ އެ ބަދަލުތައް ގެންނަން ނުޖެހޭ ކަމަށް އަންގާފައެވެ.

އޭގެ ފަހުން އިރާނުގެ ޚަރަޖްއޭ ކިޔުނު ރަށަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެ ޓްރަމްޕް އިންޒާރު ދިނެވެ. ޚަރަޖަކީ އިރާނުގެ އިގްތިސާދީ މުހިންމު ސަރަހައްދެކެވެ. ޚަރަޖަށް ހަމަލާދޭނެކަމަށް ބުނި ނަމަވެސް އޭގެ މަދު ގަޑިއިރުކޮޅެއްގެ ފަހުން ޓްރަމްޕް ވަނީ އެ ހަމަލާތައް ނުދޭނެކަމަށް ބުނެފައެވެ. 

އީރާނުގެ މުޝީރު މުހައްމަދު މުޚްބަރް ވިދާޅުވީ، އެމެރިކާއިން އީރާނުގެ މަސްލަހަތަށް ފުރިހަމައަށް އިހުތިރާމު ނުކުރާހާ ހިނދަކު ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ އަސްކަރީ ގާބިލު ގައުމެއްކަމަށާއި އީރާނުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

އެމެރިކާ ސިފައިން މިފަހުން ވަނީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީ، ސިރިކް ކައުންޓީގެ ބޯފެން ރައްކާކުރާ ދެ ތަނަކަށް ގެއްލުން ދީފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ 20،000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯފެން ލިބުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ.

އީރާނުން ބުނާ ގޮތުގައި އެމެރިކާއާއެކު އެއްވެސް އެއްބަސްވުމެއް ގާއިމުކުރެވޭނީ އީރާނުގެ ކަމާބެހޭ މުއައްސަސާތަކުން އެކަން ދިރާސާކޮށް، ފައިނަލް ކުރުމުންނެވެ. އަދި އީރާނުގެ ރައްޔިތުންގެ މަސްލަހަތަށް އުނިކަން އަންނަ އެއްވެސް ކަމެއްގައި ދޫނުދޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު