ENGLISH
12 ޖޫން 2026
ކިޑްސަލް: ވިލިމާލެ، ނިއު ރޭޑިއަންޓް އަދި ބިސް ބުރަށް މޮޅެއް
12 ޖޫން 2026
|
ކިޑްސަލްގައި ނިއު ރޭޑިއަންޓާއި އެޗްވައިއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިޑްސަލް 2026 ގައި މިއަދު ކުޅުނު މެޗުތަކުން ވިލިމާލެ ޔުނައިޓެޑް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ބިސް ބުރު ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.
މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުން ވިލިމާލެ މޮޅުވީ ސްޓަރސް އެކެޑަމީ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވިލިމާލޭގެ އިލާން ހަސަން ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އާކިލް ޔާމީން އަދި ސައްޔާފް ބިން އަލީއެވެ.
ކިޑްސަލްގައި ވިލިމާލެ އާއި ސްޓަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގައި ހިމެނޭ ބީޖީ ސްޕޯޓްސް އާއި ކުލަބު ވެލެންސިއާ މިއަދު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ބީޖީގެ ލަނޑުތައް ކާމިިޔާބުކޮށްދިނީ މިސްކް ބިން އިބްރާހީމް ސުހައިލް އާއި ހުސައިން ރިހާން ގާސިމެވެ. އަދި ވެލެންސިއާގެ ދެ ލަނޑުވެސް ޖަހައިދިނީ އިބްރާހީމް އިޔާސް ބިން ހަސަނެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެލީޓް އެކެޑަމީ އާއި، ތިންވަނައިގައި އޮތް ވިލިމާލެއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ބީޖީއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ސްޓަރްސްއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވުމާއެކު، އެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކިޑްސަލްގައި ވެލެންސިއާ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ 4-3 ގެ ނަތީޖާއަކުން ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) ބަލިކޮށްފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކޮށްދިން ރާއިޝް ރަމީޒާއި، މުޙައްމަދު އަޒްހާން އަލީ އަދި ޔޫސުފް ލާއިގު އިބްރާހީމެވެ. އެޗްވައިއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމީސް ބިން އަބްދުލް ހަމީދާއި، މުޙައްމަދު ޝަހުމް ބިން އިބްރާހީމް ރަމީޒް އަދި އިބްރާހީމް އަބާން އަޒްލިފެވެ.
މި ގްެރޫޕުގައި ދެން ކުޅުނު މެޗުގައި ބިސް ބުރުން ވަނީ 3-1 ގެ ނަތީޖާއަކުން އެޑްވެންޗަރސް އެކެޑަމީ ބަލިކޮށްފައެވެ. މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ ޔޫސުފް ކާއިން އާމިރާއި، އަލްޔާން ބިން އަލީ އިމްރާން އަދި އަޒްޔާން މުޙައްމަދު ޝިޔާމެވެ. އެޑްވެންޗަރސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުالله ރިޒާނެވެ.
ކިޑްސަލްގައި ބިސް ބުރާއި އެޑްވެންޗަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ނިއު ރޭޑިއަންޓާއި، ދެވަނައިގައި އޮތް ބިސް ބުރު އަދި ތިންވަނައިގައި އޮތް އެސްޕަޔަރ އެކެޑަމީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރުން ވަނީ ދެ މެޗު ކުޅެފައެވެ. އަދި އަނެއް ދެ ޓީމުން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. އަދި ހަތަރުވަނައިގައި އޮތް އެޗްވައިއެސްސީ އާއި ފުލުގައި އޮތް އެޑްވެންޗަރސްއަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފައެވެ.
ކިޑްސަލްގެ ކުޅުން ކުރިއަށްދަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ.