ENGLISH
12 ޖޫން 2026
"ހުއްދަ ނެތި ހުރުމުޒް ކަނޑުއޮޅިއަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެ"
12 ޖޫން 2026
|
އެޑްމިރަލް ހަބީބުﷲ ސައްޔާރީ.
އެންމެ މަޤްބޫލު
އިރާނުގެ ހުއްދަ ނެތި ހުރުމުޒް ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެކަމަށް އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެޑްމިރަލް ހަބީބުﷲ ސައްޔާރީ ވިދާޅުވެއްޖެއެވެ.
އީރާނުގެ އަސްކަރީ ބާރުވެރިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ސައްޔާރީ ވިދާޅުވީ އީރާނުގެ ހުއްދަނެތި ހުރުމުޒް ކަނޑުއޮޅިއަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެ ކަމަށެވެ.
ސައްޔާރީ ވަނީ އީރާނުގެ ކަނޑުގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެގައުމުގެ އަސްކަރިއްޔާއަށް އޮތްކަން ހާމަކުރައްވާފައެވެ.
ސައްޔާރީ ވިދާޅުވީ ހުރުމުޒް ކަނޑުއޮޅިއާއި ފާރިސީ ކަނޑުއޮޅި ބަލަހައްޓަމުން ދަނީ އިރާނުގެ އަސްކަރިއްޔާއިންކަން ހާމަކުރައްވާފައެވެ.
ލަންކާ ކައިރިން އެމެރިކާއިން އިރާނުގެ ބޯޓަކަށް ހަމަލާދީ ފައްތާލި ހާދިސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ސައްޔާރީ ވަނީ އެ ހާދިސާގައި ޝަހީދުވި އިރާނު ސިފައިންގެ މަރުގެ ބަދަލު ހިތްޕަވާނެކަމުގެ އިންޒާރު އެމެރިކާއަށް ދެއްވާފައެވެ.
މިހާދިސާގައި އިރާނު އަސްކަރިއްޔާގެ 104 ސިފައިން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 20 މީހެއްގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ސައްޔާރީ ވަނީ އެމެރިކާއިން ހިންގި މި ޖަރީމާއާ މެދު ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހަނުތިބޭތީ އެކަމާމެދު ސުވާލު އުފައްދަވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އީރާނުގެ އަސްކަރީ ގާބިލުކަމުގެ ތެރެއިން އެ ގައުމުގެ އަސްކަރިއްޔާއިން އުފައްދާ ޑްރޯންތަކަކީ ނުހަނު ކުރިއަރާފައިވާ ވަސީލަތްތަކެއް ކަން ސައްޔާރީ ފާހަގަކުރެއްވިއެވެ. ދުޝްމަނުންނާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އީރާނުގެ ޑްރޯން ފައުޖުތަކުން ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ ކަމަށްވެސް ސައްޔާރީ ވިދާޅުވިއެވެ.