ENGLISH
12 ޖޫން 2026
ޓޫރިޒަމަށް ދޫކުރި ބިންތަކުގެ ކުއްޔާއި އަލަށް ދޫކުރި ބިންތަކުގެ އެކުއިޒިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
12 ޖޫން 2026
|
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ގޫގްލް
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކާއި ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު 20.5 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ދައުލަތަށް ޓޫރިޒަމަށްް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ޑޮލަރުން 46.9 މިލިއަން ޑޮލަރު ނުވަތަ 721.8 މިލިއަން ރުފިޔާ ލިބުނެވެ.
ފާއިތުވި އަހަރުގެ ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް ދައުލަތަށް ޓޫރިޒަމް ބޭނުންތަކަށް ކުއްޔަށް ދޫކުރި ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނީ 38.9 މިލިއަން ޑޮލަރެވެ. ރުފިޔާއިން ބަލާނަމަ އެއީ 598.1 މިލިއަން ރުފިޔާއެވެ.
މި ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތަށް ޓޫރިޒަމް ބިންތަކުން ލިބުނު އާމްދަނީއަށްވުރެ މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ 20.5 އިންސައްތަ އިތުރެވެ. އަދި ނިމުނު އަހަރު ލިބުނު ފައިދާއަށްވުރެ އިތުރަށް 123.7 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރަށް އަލަށް ޓޫރިޒަމް ބޭނުމަށް ދޫކުރި ބިންތަކުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 18.4 މިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 588.6 މިލިއަން ރުފިޔާއަށް އަރާފައެވެ.
އެއީ އިންސައްތައިން ބަލާއިރު 2772 އިންސައްތައިގެ އިތުރުވުމެކެވެ. އަދަދުން ބަލާނަމަ ނިމުނު އަހަރަށްވުރެ އިތުރަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު އާމްދަނީ 570.2 މިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ.
މި ހިސާބުތަކަށް ބަލާއިރު ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ލޮޅުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިކަން ފެނެއެވެ.