ENGLISH

11 ޖޫން 2026

Advertisement

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

11 ޖޫން 2026

|

އަޙުމަދު ޙަމީދު

މިއަދުގެ ބައްދަލްކުރެއްވުން --

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމިކޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޖަޕާނުގެ ސަފީރު ވަނީ، ދިވެހިރާއްޖެއާ، ޖަޕާނާ ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން ކުރިޔަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމަ މިޔާއެކު، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން، ކުރިޔަށް އޮތްއަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް، ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް، ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވަމުން، މީހުން ބިނާކުރުމާ، ޢުމުރާނީ ތަރައްގީއާއި، ތަޢުލީމާ، ކުޅިވަރު ކުރިއެރުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާޢީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވި އެވެ. އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެ، ފަތުރުވެރިކަމާ، އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު