ENGLISH

11 ޖޫން 2026

Advertisement

ހަނގުރާމައިގެ މަންޒަރެއް ކުރަހާފައިވާތީ ހެއިޓީގެ ޖާޒީ ބަދަލުކުރަން އަންގައިފި

11 ޖޫން 2026

|

ސުވެއިދާ ހުސެއިން

ހެއިޓީގެ ކުޅުންތެރިއެއް އެގައުމުގެ ޖާޒީގައި: ހަނގުރާމަިއގެ މަންޒަރެއް ކުރަހާފައި ވުމުން ޖާޒީގެ ޑިޒައިން ބަދަލު ކުރުމަށް ފީފާއިން ވަނީ އަންގާފައި. --

ހަނގުރާމައިގެ މަންޒަރެއް ހިމެނޭތީ ހައިޓީ ޓީމުގެ ޖާޒީ ބަދަލުކުރަން ފީފާއިން އަންގައިފިއެވެ.

އެ ގައުމުގެ ޖާޒީ ބަދަލުކުރުމަށް ފީފާއިން އަންގާފައި މިވަނީ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގައި ހައިޓީ ކުޅޭ ފުރަތަމަ މެޗަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ހައިޓީގެ މިނިވަންކަން ކަށަވަރުކޮށްދިން 1803 ވަނަ އަހަރުގެ "ބެޓްލް އޮފް ވަރްޓިއޭ ފައިޓް" ނުވަތަ "ވަރްޓިއޭ ހަނގުރާމަ" ގެ ތަސްވީރެއް ޖާޒީގައި ހިމެނުމުން ފީފާއިން ވަނީ އެކަމަށް އިއުތިރާޒުކޮށްފައެވެ. އެމެރިކާގެ ފްލޮރިޑާގައި ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗެއްގައި ހައިޓީގެ ކުޅުންތެރިން ބޭނުންކުރި މި ޖާޒީގައި އެ ގައުމުގެ ދިދަވެސް ހިމަނާފައިވެއެވެ. ޖާޒީގެ ފަރުމާއަށް ބަދަލު ގެނައިކަން ކަށަވަރުކޮށްދީ، އެ ޖާޒީ ތައްޔާރުކުރި "ސައޭޓާ" ކުންފުނިން ބުދަ ދުވަހު އިންސްޓަގްރާމްގައި ބަޔާނެއް ނެރެފައިވެއެވެ.

"ސައޭޓާއިން ހުށަހެޅި ފަހުގެ ފަރުމާއަކީ ހައިޓީގެ މުސްތަގުބަލަށްޓަކައި ކޮންމެ ދުވަހަކު މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ތައްޔާރުކުރި އެއްޗެއް. މިއީ ސިޔާސީ މެސެޖެއް ދިނުމުގެ މަގުސަދުގައި ކުރި ކަމެއް ނޫން،" - ސައޭޓާގެ ބަޔާނުގައިވެއެވެ.

ހައިޓީގެ ފުޓްބޯޅަ ކުޅުންތެރިން މި ޖާޒީ ބޭނުންކޮށްފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށް އަދި ޖޫން 5 ވަނަ ދުވަހު ޕެރޫއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގައެވެ. ފީފާގެ އިކުއިޕްމަންޓް ގަވާއިދުތައް ބުނާގޮތުން، ކުޅިވަރުގެ ސާމާނުތަކުގައި ސިޔާސީ، ދީނީ ނުވަތަ އަމިއްލަ އެއްވެސް މެސެޖެއް ނުވަތަ ޝިއާރެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

ކޮލަމްބިއާގެ ކުންފުންޏެއް ކަމަށްވާ ސައޭޓާއިން ބުނީ ފީފާގެ ގަވާއިދުތަކަށް ފުލްކޮށް ފެތޭނޭހެން  ޖާޒީއަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

ސައޭޓާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖާޒީ ރިވިއުކުރުމުގެ މަރުހަލާގައި ފީފާއިން ކަނޑައެޅީ އޭގައި ހިމެނޭ ބައެއް މަންޒަރުތަކަކީ އެ އިދާރާގެ ގަވާއިދުތަކުގެ ދަށުން ތަފާތު ގޮތްގޮތަށް މާނަކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ޖާޒީގެ ފަރުމާއަށް ބަދަލު ގެނައުމަށް ފީފާއިން އެދިފައިވާ ކަމަށާއި، ފީފާގެ މި ނިންމުމަކީ އެގައުމުގެ އަސްލު މަގުސަދާ ތަފާތު ނިންމުމެއް ނަމަވެސް، ސައޭޓާއިން ވަނީ ފީފާގެ އެންގުންތަކަށް އިހުތިރާމުކޮށް، އެދިފައިވާ ބަދަލުތައް ގެނެސްފައި ކަމަށެވެ. 

ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ހައިޓީ ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 13 ވާ ހޮނިހިރު ދުވަހު ބޮސްޓަންގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އޭގެ ފަހުން ޖޫން 19 ވަނަ ދުވަހު ފިލަޑެލްފިއާގައި ދެކުނު އެމެރިކާގެ ގަދަބާރު ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު، އޭގެ ފަސް ދުވަސް ފަހުން އެޓްލާންޓާގައި އެފްރިކާގެ ވަރުގަދަ މޮރޮކޯއާ ދެކޮޅަށް ހައިޓީ ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު