ENGLISH
11 ޖޫން 2026
ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި މިނިސްޓަރު އިރުތިޝާމް ބައިވެރިވެވަޑައިގެންފި
11 ޖޫން 2026
|
ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި މިނިސްޓަރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވުން --
އެންމެ މަޤްބޫލު
ޗައިނާގެ ކުންމިންގ ގައި ކުރިޔަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު މެންދުރު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވަނީ ތަޤުރީރު ކުރައްވާފައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މި ކަމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް އެ ކަމަނާ ފާހަގަކުރެއްވި އެވެ. ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖޭއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެ އާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ އިރުތިޝާމް ދެއްވި އެވެ.
އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވި އެވެ.
މިނިސްޓަރ އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފަ އެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް މިނިސްޓަރ ޒިޔާރަތް ކުރެއްވި އެވެ.