ENGLISH

07 ޖޫން 2026

Advertisement

ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި "ކާމް ރޫމް" އެއް ހުޅުވައިފި

07 ޖޫން 2026

|

އަޙުމަދު ޙަމީދު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ޚާއްސަ "ކާމް ރޫމް" އެއް ހުޅުވައިފި އެވެ.

ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އެވެ. މިހަފުލާ ގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި މި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމްއޭސީއެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑި އެކެވެ. "ބޮލި" މި ނަމުގައި ތަޢާރަފް ކުރެވުނު މި ޚިދުމަތުގެ ދަށުން، ޚާއްސަ އިންތިޒާމްތަކާއެކު ކާމް ރޫމްގެ ޚިދުމަތް ފަސިންޖަރުންނަށް ލިބިގެންދާނެ އެވެ.

ދުނިޔޭގެ ގިނަ އެހެނިހެން އެއަރޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ "ބޮލި" ޕްރޮގްރާމްގެ ދަށުން ތަރައްގީ ކުރި ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނެކެވެ.

މި ކާމް ރޫމްގައި ފނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ އެވެ. ހަމައެއާއެކު، ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެ އެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ލިބިގެންދާނެ އެވެ. މި ލެންޔާޑުގެ ސބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އެވެ.

މި ކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީ ވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު