ENGLISH

07 ޖޫން 2026

Advertisement

ވޯލްޑް ކަޕުގެ ތާރީޚުގައި އެކި ރިކޯޑުތައް ހާސިލުކޮށްފައިވަނީ ކޮންބައެއް؟

07 ޖޫން 2026

|

ސުވެއިދާ ހުސެއިން

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ --

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފިފާ ވޯލްޑް ކަޕް ބާއްވާތާ 96 އަހަރުވެއްޖެއެވެ. މި ދިގު ތާރީޚުގައި  މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ ހަމަ އެންމެ 8 ޤައުމަކަށެވެ. މީގެ ތެރެއިން 6 ޤައުމަކުން ވަނީ 1 ފަހަރަށްވުރެ ގިނައިން ތަށި އުފުލާލާފައެވެ.

ދުނިޔޭގެ ތަށި އެންމެ ގިނަ ފަހަރު ހޯދުމުގެ ރިކޯޑު އޮތީ ބްރެޒިލްގެ އަތުގައެވެ. އެއީ ޖުމްލަ 5 ފަހަރެވެ. އެއީ  1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރުއެވެ.

ދެވަނައަށް އެންމެ ކާމިޔާބު ޤައުމުތަކަކީ ޖަރުމަނާއި އިޓަލީއެވެ. މިއިން ކޮންމެ ޤައުމަކުން 4 ފަހަރު ތަށި ހޯދާފައިވާއިރު، އޭގެ ތެރެއިން ޖަރުމަނުން ހޯދި 4 ތަށީގެ ތެރެއިން، 3 ތަށި ހޯދާފައިވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އިރުމަތީ އަދި ހުޅަނގު ޖަރުމަން އެއްވުމުގެ ކުރިން، ހުޅަނގު ޖަރުމަނުގެ ނަމުގައެވެ.

މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން 3 ފަހަރު ތަށި ހޯދާފައިވާއިރު، ފްރާންސާއި އުރުގުއޭއިން ވަނީ 2 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އިންގްލެންޑާއި ސްޕެއިނަށް ތަށި އުފުލާލުމުގެ ޝަރަފު ލިބުނީ 1 ފަހަރުއެވެ.

ޤައުމުތަކުން ވޯލްޑް ކަޕް ކާމިޔާބުކުރި އަދަދު:

  • ބްރެޒިލް: 5
  • ޖަރުމަން / ހުޅަނގު ޖަރުމަން: 4
  • އިޓަލީ: 4
  • އާޖެންޓީނާ: 3
  • ފްރާންސް: 2
  • އުރުގުއޭ: 2
  • އިންގްލެންޑް: 1
  • ސްޕެއިން: 1

ޤައުމުތަކުން ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރުތައް:

  • 1930 - އުރުގުއޭ
  • 1934 - އިޓަލީ
  • 1938 - އިޓަލީ
  • 1950 - އުރުގުއޭ
  • 1954 - ހުޅަނގު ޖަރުމަން
  • 1958 - ބްރެޒިލް
  • 1962 - ބްރެޒިލް
  • 1966 - އިންގްލެންޑް
  • 1970 - ބްރެޒިލް
  • 1974 - ހުޅަނގު ޖަރުމަން
  • 1978 - އާޖެންޓީނާ
  • 1982 - އިޓަލީ
  • 1986 - އާޖެންޓީނާ
  • 1990 - ހުޅަނގު ޖަރުމަން
  • 1994 - ބްރެޒިލް
  • 1998 - ފްރާންސް
  • 2002 - ބްރެޒިލް
  • 2006 - އިޓަލީ
  • 2010 - ސްޕެއިން
  • 2014 - ޖަރުމަން
  • 2018 - ފްރާންސް
  • 2022 - އާޖެންޓީނާ

ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ޤައުމުތަކާއި ކުޅުންތެރިން:

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާގެ އަތުގައެވެ. އޭނާ ވަނީ ކުޅުނު 24 މެޗުގައި 16 ލަނޑު ޖަހާފައެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ 19 މެޗުން 15 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯއެވެ. ތިންވަނައިގައި އޮތީ ހުޅަނގު ޖަރުމަނަށް ކުޅުނު ގާޑް މުލާއެވެ. އޭނާ ވަނީ އެންމެ 13 މެޗުން 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ފްރާންސްގެ ކުރީގެ ފޯވާޑް ޖަސްޓް ފޮންޓެއިން، ކޮންމެ ކުޅުންތެރިއަކު 13 ލަނޑާއެކު ހަތަރުވަނައިގައި އޮތްއިރު، ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ޕެލޭ ކޮންމެ ކުޅުންތެރިއަކު 12 ލަނޑު ޖަހާފައިވެއެވެ.

މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން، ކްލޯސާގެ ރިކޯޑާ އަރާ ހަމަކުރުމުގެ ފުރުސަތު އެންމެ ބޮޑީ މެސީ އަދި އެމްބާޕޭއަށެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕުގައި މި ދެ ކުޅުންތެރިންނަކީ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންނެވެ. އެއީ އެމްބާޕޭ 8 ލަނޑު އަދި މެސީ 7 ލަނޑެވެ.

ލިސްޓުގެ އަށްވަނަ އަދި ނުވަވަނައިގައި އޮތީ ހަންގޭރީގެ ސަންޑޯ ކޮކްސިސް އަދި ޖަރުމަނުގެ ޖާގަން ކްލިންސްމަންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 11 ލަނޑު ޖަހާފައެވެ.

މުބާރާތުގެ ތާރީޚުގައި ގައުމުތަކުން ޖަހާފައިވާ ލަނޑުތަކަށް ބަލާއިރު، 237 ލަނޑާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ބްރެޒިލްއެވެ. ދެވަނައިގައި އޮތް ޖަރުމަނުވިލާތުން 232 ލަނޑު ޖަހާފައިވާއިރު، ތިންވަނައިގައި އޮތް އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 152 ލަނޑެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގައި 100 އަށްވުރެ ގިނަ ލަނޑު ޖަހާފައިވާ ޤައުމުތަކަކީ ފްރާންސް (136 ލަނޑު)، އިޓަލީ (128 ލަނޑު)، ސްޕެއިން (108 ލަނޑު) އަދި އިންގްލެންޑް (104 ލަނޑު) އެވެ. އެންމެ ގިނަ ލަނޑު ޖެހި 10 ޤައުމުގެ ތެރޭގައި ދެން ހިމެނެނީ ނެދަލެންޑްސް (96 ލަނޑު)، އުރުގުއޭ (89 ލަނޑު) އަދި ހަންގޭރީ (87 ލަނޑު) އެވެ.

ވޯލްޑް ކަޕުގައި އެންމެ ގިނަ ވަގުތު ކުޅުމުގެ ރިކޯޑު އޮތް ކުޅުންތެރިން:

ލިއޮނަލް މެސީ އަދިވެސް މަސައްކަތް ކުރަމުންދަނީ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މުގުރާލުމަށެވެ. ނަމަވެސް، މުބާރާތުގައި އެންމެ ގިނަ ވަގުތު ކުޅުމުގެ ރިކޯޑު މިހާރުވެސް އޮތީ އޭނާގެ އަތުގައެވެ.

8 ފަހަރު ބަލޮންޑޯ އެވޯޑު ކާމިޔާބުކޮށްފައިވާ މެސީ ވަނީ ވޯލްޑް ކަޕުގެ 26 މެޗެއްގައި ޖުމްލަ 2,314 މިނެޓު ކުޅެފައެވެ. މިއީ މި ރިކޯޑު ދެވަނައަށް އޮތް އިޓަލީގެ ކުރީގެ ޑިފެންޑަރު ޕައޮލޯ މަލްޑިނީއަށް ވުރެ 98 މިނެޓު އިތުރު އަދަދެކެވެ.

ވޯލްޑް ކަޕް ތާރީޚުގައި 2,000 މިނެޓަށްވުރެ ގިނަ ވަގުތު ކުޅެފައިވާ އަނެއް ކުޅުންތެރިއަކީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުގެ ލޮތާ މަތިއަސް (2,045 މިނެޓު) އެވެ. ލިސްޓުގެ ހަތަރުވަނައިގައި އޮތީ ހުޅަނގު ޖަރުމަނުގެ ފޯވާޑް އޫވޭ ސީލާ (1,980 މިނެޓު) އެވެ. އަދި އާޖެންޓީނާގެ ހަވިއޭ މަޝެރާނޯ ފަސްވަނައިގައި އޮތީ (1,950 މިނެޓު) އާއެކުއެވެ.

  1. ލިއޮނަލް މެސީ (އާޖެންޓީނާ) – 2,314 މިނެޓު
  2. ޕައޮލޯ މަލްޑިނީ (އިޓަލީ) – 2,216 މިނެޓު
  3. ލޮތާ މަތިއަސް (ޖަރުމަނު) – 2,045 މިނެޓު
  4. އޫވޭ ސީލާ (ހުޅަނގު ޖަރުމަނު) – 1,980 މިނެޓު
  5. ހަވިއޭ މަޝެރާނޯ (އާޖެންޓީނާ) – 1,950 މިނެޓު
  6. ޑިއޭގޯ މަރަޑޯނާ (އާޖެންޓީނާ) – 1,940 މިނެޓު
  7. ފިލިޕް ލާމް (ޖަރުމަނު) – 1,920 މިނެޓު
  8. ހޫގޯ ލޮރިސް (ފްރާންސް) – 1,830 މިނެޓު
  9. ލަޑިސްލާވް ޒްމޫޑާ (ޕޮލެންޑް) – 1,807 މިނެޓު
  10. ގްރެގޯޒް ލާޓޯ (ޕޮލެންޑް) – 1,800 މިނެޓު

ވޯލްޑް ކަޕުގެ ރިކޯޑަށާއި ތަފާސް ހިސާބުތަކަށް، މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ޔަގީނުންވެސް ބަދަލުތަކެއް އަންނާނެއެވެ. އަދި ތަފާތު އައު ރިކޯޑުތަކެއް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު